Saturday, 22 June 2024

ރައީސުލްޖުމްހޫރިއްޔާ ފ. އަތޮޅާއި އަދި ނިލަންދޫގެ ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި އަދި ނިލަންދޫ ކައުންސިލާ ބައްދަލުކުރައްވައި މުޅި އަތޮޅާއި އަދި ނިލަންދޫގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިރޭ އެރަށު އަންހެނުންގެ މަރުކަޒުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެރަށުގެ އެއަރޕޯޓުގެ މަޝްރޫޢަކީ ރަށަށް އާރޯކަމެއް ގެނެސްދޭނެ މަޝްރޫޢެއްކަން ފާހަގަކުރައްވައި އެމަސައްކަތް އަވަހަށް ނިންމައިދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ނަރުދަމާ ނިޒާމު މަރާމާތަށް ބޭނުންވެފައިވާތީ އެކަމަށް ޙައްލެއް ހޯދުމާއި، ފެނުގެ ނިޒާމު އަވަހަށް ނިންމުމާއި، މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި، އިސްލާމީ މަރުކަޒެއް ބިނާކުރުމާއި، ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢެއް އެރަށުގައި ގެންގޮސްދެއްވުމަށް އެދުމާއި، ކައުންސިލު އިދާރާ ބާވެފައި ވުމުން އައު އިމާރާތެއްގެ ބޭނުންތެރިކަމާއި، ޞިއްޙީ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމާއި، ފެރީނިޒާމުގެ ބޭނުންތެރިކަން ހިމެނެއެވެ.

މީގެ އިތުރުން ޕާކެއްގެ މުހިންމުކަމާއި އަދި ރަށުގެ އިޖުތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ފ. އަތޮޅު ކައުންސިލުން ވެސް ވަނީ ކައުންސިލުގެ ކަންބޮޑުވުން ހުރި ކަންކަމާއި ކައުންސިލުގެ ކުރިއެރުމާއި އަތޮޅުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންތައްތައް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފ. ނިލަންދޫ އަކީ އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރާއިރު މިހާރަށް ރަށަށް ބޭނުންވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ އިތުރުން އަރބަން ސެންޓަރަކަށް އަމާޒުކޮށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދަވާނެކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ތަރައްޤީގެ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު