25 ޖަނަވަރީ 2025

ފާޅުކުރަން ބޭނުންވާ ޚިޔާލު ދިވެހިބަހުން ބުނެދޭން ނޭނގުމަކީ ހިތާމަކުރަންޖެހޭ ކަމެއް: ޑރ.އަޝްރަފް

ބުނަންބޭނުންވާ ބަސް، ފާޅުކުރަން ބޭނުންވާ ޚިޔާލު ދިވެހިބަހުން ފާޅުކުރަން ނޭނގުމަކީ އެކަމާމެދު ވިސްނާ އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމެއްކަމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ.އަޝްރަފް ޢަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ދިވެހި ބަހުގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "ދިވެހިބަހުން ވިސްނަމާ!" މި ޝިޢާރެވެ.

މިކަމާ ގުޅޭގޮތުން ދިވެހިބަހުގެ ދުވަހުގެ މެސެޖުގައި އެކެޑަމީގެ ރައީސް ޑރ.އަޝްރަފް ވިދާޅުވީ ޅަފުރައިގެ ކުދިންނަށް އެމީހުން ބުނަން ބޭނުންވާ އެއްޗަކާ ފާޅުކުރަން ބޭނުންވާ ޝުޢޫރުތައް ދިވެހި ބަހުން ބުނެދޭން ނޭނގޭކަމަށެވެ. ބޮޑުވަމުން އަންނަ ކުދިންނަށް ދިވެހި ވެށީގައި ހިމެނޭ ވަރަށް ގިނަ ބާވަތްތަކަށް ދިވެހިބަހުން ކިޔާ ނަންތައް ނޭނގޭކަމީ ޤަބޫލުކުރަންޖެހޭ ހިތި ހަގީގަތެއްކަމަށެވެ.

އޭގެތެރޭގައި ގަސްގަހާގެއްސާއި މަސްމަހާމެއްސާއި މާމެލާމެލީގެ ބާވަތްތައްވެސް ހިމެނޭކަމަށެވެ. އަދި ދިވެހިންގެ މަސައްކަތްތެރިކަމާއި އެ މަސައްކަތްތައް ކުރުމަށް ގެންގުޅޭ އާލާތްތަކާއި އެކި ބޭނުންތަކުގައި ހިފާގެންގުޅޭ ތަކެއްޗަށް ދިވެހިން ކިޔާ ނަންތައް ނޭނގުމަކީ ލަދުވެތިކަމެއްކަމަށެވެ.

ޑރ.އަޝްރަފް ވިދާޅުވީ މިއަހަރުގެ ދިވެހި ބަހުގެ ދުވަހު މައިންބަފައިންނާއި ބޮޑެތި މީހުން އަޒުމުކަނޑައަޅަންވީ، ދިވެހިން ވިސްނާ، އެކަން ބޮޑުވަމުން އަންނަ ޖީލަށް އުނގަންނައިދޭ ބަޔަކަށްވުމަށްކަމަށެވެ. ދިވެހި ސިކުނޑިތަކުގައި ދިވެހި ނަންތައް ހަރުލައްވާ، ދިވެހި ލަފުޒު ބޭނުންކުރުން އިތުރުކުރުމަށް ބާރުއެޅުމަށްކަމަށެވެ. އޭރުން ދިވެހީންގެ ދިވެހި ބިމުގައި އުޅޭނީ ދިވެހިންކަމަށާއި، ދިވެހި ބިމާއި ދިވެހި ބަސްދެކެ ލޯބިވާ، ދިވެހި ބަހަށް ޤަދަރުކުރާ ދިވެހިންކަމަށް ވިދާޅުވިއެވެ.

ޑރ. އަޝްރަފް ވިދާޅުވި މިއީ ކީއްވެގެން ކުރިމަތިވެގެން އުޅޭ ކަމެއްތޯ ދިރާސާކޮށް، އެކަން ޙައްލުކުރުމަށް އޮތް މަގަކީ ކޮބައިތޯ ބަލާ، އެކަން ޙައްލުކުރަން ކުރެއްވެން ހުރި ކަންކަން ކުރިއަށް ގެންދަވާކަމަށެވެ.

އަޝްރަފް ވިދާޅުވީ ތަކެއްޗަށް ކިޔާނެ ދިވެހި ނަން ތިމާގެ ސިކުނޑިއަށް ނުވިސްނިގެން އިނގިރޭސިން ލަފުޒު ބޭނުންކުރާ ކުދިން ގިނަވެއްޖެކަމަށާއި، އަދި ބަހުގެ ބައެއް އުސްތާޒުން ވިދާޅުވާގޮތުގައި "ދިވެހިން" ވިސްނާ ކުދިން މަދުވެއްޖެ ކަމަށެވެ.

""ދިވެހިބަހުން" ވިސްނާ ކުދިން އަދި މާ މަދުވެއްޖެ. ހިތުގައި އުފެދޭ ޝުޢޫރު ފަސޭހަކަމާއެކު އަނެއްކާއަށް ދިވެހިބަހުން ފާޅުކުރުމަކީ ދަތިކަމަކަށް ވެއްޖެ." ބަހުގެ އެކެޑަމީގެ ރައީސް ޑރ.އަޝްރަފް ވިދާޅުވިއެވެ.

ހިތުގައި އުފެދޭ ޖަޒުބާތާއި ޚިޔާލުވެސް ހާމަކޮށްލަނީ ފަސޭހަކަމާއެކު އިނގިރޭސި ލަފުޒުތައް ހިމަނައިގެންކަން ފާހަގަކުރައްވަމުން، އެފަދަ ކުދިން ވިސްނުމުގައި ދިވެހި ބަސް ނުގެންގުޅުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި އަޝްރަފް ފާޅުކުރެއްވިއެވެ.

ދިވެހި ބަހަށް ޚާއްސަ ދުވަހެއް ފާހަގަކުރަން ފެށީ 2015ވަނަ އަހަރުންފެށިގެންނެވެ. ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު