Thursday, 20 June 2024

އއ.ތޮއްޑޫގެ މަގުހެދުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު ފޮނުވައިފި

އއ. ތޮއްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ބޭނުންވާ ސާމާނު އެރަށަށް ފޮނުވައިފިއެވެ. ތޮއްޑޫގެ މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާއެވެ.

އއ. ތޮއްޑޫގެ މަގުތައް ހެދުމުގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާއި ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެކަމުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނާއި ވެހިކަލްގެ އިތުރުން ސައިޓް ހެދުމަށް ބޭނުންވާ މެޓީރިއަލް އާރްޑީސީން މިހާރު ވަނީ އެރަށަށް ފޮނުވާފައެވެ.

ތޮއްޑޫގެ މަގު ހެދުމުގެ ޕްރޮޖެކްޓްގައި ތޮއްޑޫގެ 2.2 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މަގުތަކުގައި ފެން ހިއްދާ ނިޒާމު ޤާއިމުކުރުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް މީގެތެރޭގައި ހިމެނެއެވެ.

މިޕްރޮޖެކްޓަކީ ސަރުކާރުން 77.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިޕްރޮޖެކްޓް ނިންމުމަށް ހަވާލުކުރީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ.

ތޮއްޑޫގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ތޮއްޑޫގެ ބޮޑު މަގާއި ސަރުކާރުގެ ޚިދުމަތްތައް ޤާއިމުކޮށްފައިވާ އޮފީސްތައް ހިމެނޭ މަގުތައް އަދި އާއްމުކޮށް ރަށުގައި ބޭނުންކުރާ މަގުތައް ތަރައްޤީކުރާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު