ގިރާވަރުފަޅު

ގިރާވަރުފަޅުން ގުޅިފަޅަށް ގޯތި ބަދަލުކުރަން ހުޅުވާލި މުއްދަތު އިތުރުކޮށްފި

ބިންވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތައް ގުޅިފަޅަށް ބަދަލު ކުރަން ހުޅުވާލި މުއްދަތު ގެދޮރުވެރިކަމާއި، ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން އިތުރުކޮށްފިއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތައް ގުޅިފަޅަށް ބަދަލު ކުރަން ހުޅުވާލި މުއްދަތު އިތުރުކުރުމަށް ނިންމެވިއިރު، މީގެ ކުރިން އެ ވުޒާރާއިން ވަނީ ގިރާވަރުފަޅުން ދޫކުރި ބިމުގެ ތެރެއިން 1347 ބިމެއް ގުޅިފަޅަށް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ގޯތިތައް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވަނީ ގިރާވަރުފަޅުން ހިއްކާ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިންމު ޚިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ނެތި، ގޯތިތައް ދޫކޮށްފައިވާތީއެވެ.

އެ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި، ކޮންމެހެން ބޭނުންވާ ޚިދުމަތްތައް ގާއިމުކުރެވޭގޮތަށް ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި ސަރުކާރުން ބަދަލުތައް ގެނެސްފައިވާއިރު އެތަނުން ދޫކޮށްފައިވާ އަދަދަށް ގޯތި ނެގޭ ކަށް ނެތެވެ.

ކުރީ ސަރުކާރުން ގިރާވަރުފަޅުން ދޫކުރަން ނިންމާފައިވަނީ 5432 ގޯއްޗެވެ. ނަމަވެސް އެ އަދަދަށް އެތަނުން ގޯތި ނެގެން ނެތުމުން 1347 ގޯތި ގުޅިފަޅަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

ގުޅިފަޅަށް ބަދަލު ކުރާ ގޯތިތަކުގެ ޢަދަދުތަކާއި ސައިޒު:

• 1250 އަކަފޫޓުގެ 193 ގޯތި
• 1650 އަކަފޫޓުގެ 663 ގޯތި
• 2050 އަކަފޫޓުގެ 487 ގޯތި
• 2450 އަކަފޫޓުގެ 4 ގޯތި

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ މި ގޯތިތައް ބަދަލުކުރުމުގެ ފުރުސަތު ބިމާ ބެހޭ ވުޒާރާއިން ހުޅުވާލީ މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މުއްދަތު އިތުރު ކުރުމަށް ގިނަ ބަޔަކު އެދިފައިވާތީ އެ މުއްދަތު އަންނަ ބުރާސްފަތި ދުވަހުގެ ރޭ 11:00 އާ ހަމައަށް ވަނީ އިތުރުކޮށްފައެވެ.

އަދި ގިރާވަރުފަޅުން ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ މީހުންނަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ބިމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު