Saturday, 22 June 2024
ނ. މާފަރު

ފަރުމުލި، ކަނޑިންމަހުރާ މާފަރަށް، ވެލިދޫދިއްގާފަޅު ބޮޑުފޮޅުދޫ ބައެއްކަމުގައި ކަނޑައަޅުއްވައިފި

ނ. ފަރުމުލިއާއި ކަނޑިންމަހުރާއަކީ ނ. މާފަރު ބައެއްކަމަށާއި، އއ. ވެލިދޫދިއްގާ ފަޅަކީ އއ. ބޮޑުފޮޅުދޫ ބައެއްކަމުގައި ސަރުކާރުން ކަނޑައަޅުއްވައިފިއެވެ.

މިކަން ކަނޑައަޅުއްވައި، ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޮއިކުރައްވާ ނެރުއްވި ޤަރާރުގައި ވަނީ މާފަރުގެ ބައެއްގެ ގޮތުގައި މިލަންދުންމަޑުލު ދެކުނުބުރީ "ފަރުމުލި" އާއި "ކަންޑިންމަހުރާ" ކަނޑައަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުންނެއެވެ.

ހަމައެހެންމެ އަރިއަތޮޅު އުތުރުބުރީ "ވެލިދޫދިއްގާ" ފަޅަކީ އެ އަތޮޅު ބޮޑުފޮޅުދޫ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުންނެއެވެ.

މާފަރުގެ ބޮޑު ފަޅުތެރޭގައި އޮންނަ ދެ ފަޅުރަށް ކުރިން އޮންނަނީ މާފަރުގެ އިޙްތިސާސްގެ ތެރޭގައެވެ. އެހެން ނަމަވެސް ކުރީ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން 2020 ވަނަ އަހަރު ވަނީ އެ ދެ ރަށްވެސް ހިމެނޭގޮތަށް މާފަރުގެ ފަޅުން 80 ހެކްޓަރުގެ ސަރަޙައްދެއް އިޙްތިސާސުން ވަކިކޮށްފައެވެ.

ނ. މާފަރުގެ އިޙްތިސާސުން ދެ ފަޅުރަށާއެކު، ފަޅުގެ ބޮޑުބައެއް ކުރީ ސަރުކާރުން އުނިކޮށްފައިވުމުން އެބައި އަނބުރާ ހޯދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއެވެ.

ކުރީ ސަރުކާރުން އެ ރަށުގެ އިޙްތިސާސުން ވަކިކޮށްފައިވާ ބަޔަކީ އެ ރަށަށް ލިބެން ޖެހޭނެ ބައެއްކަމަށް ރައީސް މުޢިއްޒު ޤަބޫލުފުޅުކުރައްވާ ކަމަށާއި، އެކަން އެމަނިކުފާނުގެ ވެރިކަމެއްގެ ކުރީކޮޅުގައި ނިންމަވައި ދެއްވާނެކަމަށް ރިޔާސީ ކެމްޕެއިންގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ތަރައްޤީގެ މިންގަނޑުން އެ ރަށަކީ ވަރަށް ގިނަ ކަންކަން ކުރެވެން އޮތް ރަށެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު