Tuesday, 23 July 2024
އ.ދ. ގެ އާއްމު މަޖިލީހުގައި ބޭއްވުނު ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް ވާހަކަފުޅު ދައްކަވައިފި

މާލީ އެހީއާއި ލޯނު ހޯދުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމުގެ މައްޗަށް ޓޫރިޒަމް މިނިސްޓަރު ވާހަކަފުޅުދައްކަވައިފި

ރާއްޖެފަދަ މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކަށް ހިލޭ އެހީއާއި، ލޯނާއި މާލީ އެހީތެރިކަން ހޯދުމަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމުގެ މައްޗަށް ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް ވާހަކަފުޅު ދައްކަވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، އެޕްރީލް މަހުގެ 15 ވަނަ ދުވަހު އ.ދ. ގެ އާއްމު މަޖިލީހުގައި ބޭއްވުނު ބައްދަލުވުމުގައި ތަޤްރީރްކުރައްވަމުންނެވެ.

"ޑެބްޓް ސަސްޓެއިނަބިލިޓީ އެންޑް ސޯޝިއަލް އިކޮނޮމިކް އީކުއަލިޓީ ފޯރ އޯލް" މި މައުޟޫއަށް ދެއްކެވި ވާހަކަފުޅުގައި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ދުނިޔޭގެ އިޤްތިޞާދަށް އަންނަ ކުއްލި ލޮޅުންތަކުގެ ސަބަބުން ދިވެހިރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކަށް މިނިސްޓަރ ވަނީ އަލިއަޅުއްވާލައްވާފައެވެ.

ހަމައެހެންމެ، ރާއްޖެފަދަ މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކަށް ހިލޭ އެހީއާއި ދަށް އިންޓްރެސްޓް ރޭޓުގެ ލޯނުތައްފަދަ މާލީ އެހީތެރިކަން ހޯދުމަށް ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން ބޮޑު އަގުގައި ނެގޭ ލޯނުތަކުން ފަންޑުތައް ހަމަޖައްސަން ޖެހިފައިވާ ކަމަށާއި، މި ލޯނުތަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާ ނުވަތަ "ޑެބްޓް ސަރވިސް ޕޭމެންޓް"ގެ އަދަދު މަތިވުމާ ގުޅިގެން ޤައުމުގެ އިޖްތިމާޢީ ގިނަ ކަންކަމަށް ޚަރަދު ކުރެވިދާނެ ފައިސާއިން ދަރަނިތައް އަދާކުރަން ޖެހުމަކީ ޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމާއި ހަމަހަމަކަމަށް ނޭދެވޭ އަސަރު ކުރަމުންދާކަމެއް ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން، ދެމެހެއްޓެނިވި ގޮތެއްގައި މި ދަރަނިތައް އަދާކުރެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި މިހާރު ފަރުމާކުރެވިފައިވާ ބައިނަލްއަޤްވާމީ މާލީ ނިޒާމަށް ހެޔޮ ބަދަލުތަކެއްގެނެސް، ވަކިން ޚާއްޞަކޮށް ޤައުމުތަކަށް ދިމާވާ ދަތި އުނދަގޫ ހާލަތްތަކުން އަރައިގަތުމަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނުތައް ހަމަޖެއްސޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް މިނިސްޓަރ ފައިސަލް ވަނީ އެދިވަޑައިގެންފައެވެ. މިގޮތުން ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ އިޤްތިޞާދީ ލޮޅުންތަކާއި މިނޫންވެސް ކުއްލި ހާލަތްތަކުގެ ހިރާސް ކުޑަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ފަންޑުކުރެވޭނެ ރަނގަޅު މާލީ ނިޒާމެއްކަމުގައިވެސް ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، މިމައްސަލައަށް ހައްލު ހޯދުމަށްޓަކައި ދޭދޭ ޤައުމުތަކުން ގުޅިގެން މަސައްކަތްކޮށް ދަރަނިދޫކޮށްފައިވާ ޤައުމުތަކުން ދަރަނި ނަގާފައިވާ ޤައުމުތަކުގެ އިޤްތިޞާދީ ހާލަތްތަކަށް ރިއާޔަތްކޮށް އެފަދަ ޤައުމުތައް ވެއްޓިދާނެ މާލީ އަނދަވަޅަކުން ސަލާމަތްކުރުމަށްޓަކައި ދަރަނި އަދާކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށްވެސް މިނިސްޓަރ ވަނީ ގޮވައިލައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު