Monday, 07 October 2024
މަޖިލިސް އިންތިޚާބުގައި ކަރުދާހާ މަރުކަޒުތަކަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތުގައި، ފައިލް ފޮޓޯ: އިލެކްޝަން ކޮމިޝަން

މަޖިލިސް އިންތިޚާބުގައި ވޯޓުލާ ވަގުތު އިތުރުކޮށްފި

އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓުލާ ވަގުތު އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމަވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވޯޓުލާ ވަގުތުގެ ގޮތުގައި ކަނޑައަޅާފައިވަނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. 4 ޖަހާއިރު ކިޔޫތައް ބަންދުކުރާނެ ކަމަށް އޭރު އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

ނަމަވެސް އަންގާރަ ދުވަހު ބޭއްވި މަޖިލިސް އިންތިޚާބުގެ ޤައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި ވަގުތު އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ވަނީ ލަފާ އަރުވާފައެވެ. މިލަފަޔާ ގުޅިގެން އިލެކްޝަންސްގެ މެންބަރުން ބޭއްވި ބައްދަލުވުމުގައި ނިންމެވީ ވަގުތު ހަވީރު 5:30 އަށް އިތުރު ކުރުމަށެވެ.

ވާރޭ ވެހުމުގެ ސަބަބުން ވޯޓުލާން ދިއުމަށް ދަތިވެދާނެ ކަމަށް ނުވަތަ އަވިގަދަވުމުގެ ސަބަބުން ވޯޓުލާން ދާ މީހުން ވޯޓުލާ މަރުކަޒުތަކަށް ދާ އަދަދު ހަވީރު ގިނަވުން ފަދަ ކަންކަމަށް ބަލާފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ގެނައި މިބަދަލާއެކު މިހާރު އާދީއްތަ ދުވަހު އޮންނަ މަޖިލިސް އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:30 އާ ހަމައަށެވެ. ވޯޓު ގުނަން ފަށާނީ ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ.

މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރައްވާއިރު ޖުމްލަ 602 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މި އިންތިޚާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު