12 ފެބުރުވަރީ 2025
ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު

މެންބަރުންގެ ޢަދަދު ހިފެހެއްޓުމަށް ކުރި މަސައްކަތް ހުއްޓުވީ އެމްޑީޕީގެ ލީޑަރޝިޕުން: ސިރާޖު

ކޮންމެ ފަސް އަހަރަކުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުވާގޮތް އޮތް އޮތުން ހުއްޓުވުމަށް ޕީޕީއެމް ޕީއެންސީން މަސައްކަތްކުރިކަމަށާއި، އެކަން ހުއްޓުވީ މަޖިލީހުގެ އަޣްލަބިއްޔަތު އޮތް އެމްޑީޕީންކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

މެންބަރު ސިރާޖު މިހެން ވިދާޅުވީ، މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުން ދިއުމަކީ ދައުލަތަށް ބުރައެއްކަމަށާއި، އެކަން ހުއްޓުވާނެކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވުމާއި ގުޅިގެންނެވެ.

ޞާލިޙުގެ ރައްދު ދެއްވާ މޫސާ ސިރާޖު ވިދާޅުވީ، ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެމްޑީޕީއަށް ދިނީ އެ ބަދަލުތައް ގެނައުމަށްކަމަށެވެ. އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި މުސާ ސިރާޖު ވިދާޅުވީ، މެންބަރުންގެ ޢަދަދު އިތުރުނުވާނެހެން ހިފެހެއްޓުމަށް ޤާނޫނު އަސާސީއަށް އިޞްލާހު ގެނައުމަށް ތަކުރާރުކޮށް އެދުނުކަމަށެވެ. ނަމަވެސް އެކަން ސީދާ ހުއްޓުވީ އެމްޑީޕީގެ ލީޑަރޝިޕުންކަމަށް މޫސާ ސިރާޖު ވިދާޅުވިއެވެ. އޭނާ ވަނީ އެމްޑީޕީގެ އިހްލާސްތެރިކަމެއް ނެތްކަމަށްވެސް ވިދާޅުވެފައެވެ.

ސިރާޖު މިހެން ވިދާޅުވެފައިވާއިރު ރައީސް ޑރ. މުޢިއްޒުވެސް ވަނީ މަޖިލީހުގައި އެމްޑީޕީގެ މެންބަރުންގެ އިޚުލާސްތެރިކަމާމެދު ސުވާލު އުފައްދަވާފައެވެ. އެގޮތުން ވަކި އެޖެންޑާއެއްގައި އެމްޑީޕީން ރައްޔިތުންނަށް ފައިދާވާ މަސައްކަތެއް ކޮށްފައިނުވާކަމަށް ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ކުރީގެ ސަރުކާރަށް ލިބުމުން އެމްޑީޕީއަށް މަޖިލިސް ތެރެއިން ރަނގަޅު ނަތީޖާއެއް ނެރެވިފައި ނުވާކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު