ޔާމީންގެ ހަތަރު އަހަރުގެ ހުކުމް ބާތިލްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމްތަކުގެ ތެރެއިން ރިޝްވަތުގެ ކުށުގައި އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމްގެ ބައި ހައި ކޯޓުން ދެންމެ ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް އަދި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގައި ހަތަރު އަހަރަށް، ޖުމްލަ 11 އަހަރުގެ އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، ރިޝްވަތު ދިނުމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށުގައި ތިން އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި އެވެ. އެ މައްސަލަ އެ ދެ ބޭފުޅުންގެ ފަރާތުން އިސްތިއުނާފް ކުރުމުން އޭގެ ތެރެއިން ޔޫސުފް ނައީމްގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ވަނީ އަންގައިފައެވެ.

މިއަދު ކުރި ހުކުމުގައިވަނީ ޝަރީއަތުގެ ކުރީގެ މަރުހަލާގައި ދަށު ކޯޓުން އަމަލުކުރި ގޮތުގެ ސަބަބުން ޔާމީނަށް ލިބެންޖެހޭ ހައްގުތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށެވެ. އަދި ޔާމީންގެ ދިފާއީ ހެކިތައް ނަފީކުރަން ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ވެސް ގޯސް ކަމަށް އެ ހުކުމުގައިވެ އެވެ. އެގޮތުން އެފަދަ ހެކިތައް ބަލައިގަނެވޭނީ އިސްތިސްނާ ހާލަތްތަކެއް ކަމަށް ވާއިރު، އެ މައްސަލާގައި ދަށު ކޯޓުން އެކަންކުރީ އެކަށީގެންވާ ސަބަބެއް ބަޔާން ކުރުމެއް ނެތި ކަމަށް ހުކުމުގައިވެ އެވެ. އަދި އެ ފުރުސަތު ދިނުމުގެ ކުރިން އެކަމާ މެދު ވާހަކަ ދައްކަން ޔާމީންގެ ވަކީލުންނަށް ފުރުސަތު ދީފައިނުވާ ކަމަށް ހުކުމުގައިވެއެވެ.

އެ މައްސަލާގެ ހެކިތައް ވަޒަން ކުރަން ޖެހޭނީ ފަހުން ހުށަހެޅި އާ ހެކިތައް އެއް ފަރާތް ކުރުމަށްފަހު ކަމަށް ހުކުމުގައިވެ އެވެ. ނަމަވެސް އެ މައްސަލާގައި ދަށު ކޯޓުން ހެކިތައް ވަޒަންކުރީ ހުރިހާ ހެކިތައް އެއްކޮށް ކަމަށް ހުކުމުގައިވެ އެވެ. އަދި ޔާމީންގެ މާލީ ބަޔާނުގައި (މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން) އެމްއެމްޕީއާރުސީގެ ފައިސާގެ ވާހަކަ ހިމަނާފައި އޮތުމުން އެއީ އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއް ކަމަށް ބެލީ ގާނޫނާ ހިލާފަށް ކަމަށް ހުކުމުގައިވެއެވެ.

ޔާމީން ތަހުގީގު މަރުހަލާގައި ހަނު ހުރެފައިވާތީ އެއީ އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއްގެ ގޮތުގައި ދަށު ކޯޓުން ނިންމާފައިވާ ނިންމުމާ ގުޅިގެން ހައި ކޯޓުގެ ހުކުމުގައިވަނީ އެކަމުގައި ގާނޫނީ ގޮތުން ގޯހެއް ނެތް ކަމަށެވެ.

ހުކުމުގައިވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކުރާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ހެކިތަކަށް ބަދަލު އައުމުގެ ފުރުސަތު އޮތުމުން އެ މައްސަލަ އަލުން ބެލުމަށްޓަކައި ކްރިމިނަލް ކޯޓަށް ތަހުވީލުކުރީ ކަމަށް ހުކުމުގައިވެއެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ހުޒައިފާއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި އިއްވި ޖަލު ހުކުމާ ގުޅޭގޮތުން ވެސް ހައި ކޯޓުން މިރޭ ގޮތެއް ނިންމާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު