މުއުމިނުންގެ ފުރަތަމަ ސިފައަކީ ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުން: ހުކުރު ޚުޠުބާ

މުއުމިނުންގެ ފުރަތަމަ ސިފައަކީ ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"މުއުމިނުންގެ ސިފަތައް" މި މަޢުޟޫއުގެ މައްޗަށް މިއަދު ރާއްޖޭގައި އިއްވި ހުކުުރު ޚުޠުބާގައި ކާމިޔާބު މުއުމިނުންގެ ސިފަތައް ބަޔާންކޮށްދެއްވިއެވެ.

އެގޮތުން މުއުމިނުންގެ ފުރަތަމަ ސިފައެއްކަމުގައި ގެންނަވާފައިވަނީ، ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުމެވެ. ޚުޠުބާގައި ވިދާޅުވި ގޮތުގައި، އެ ނަމާދުގައި މަޑުމޮޅިވެ، އެނަމާދު މާތް ﷲ ޤަބޫލުކުރައްވާނޭ ކަމުގެ އުންމީދުގައި ތިބެ އެކަލާނގެ އަޛާބަށް ބިރުވެތިވެ ނަމާދުގައި ޚުޝޫޢަތްތެރިވާ މީހުންނެވެ.

މުއުމިނުންގެ ދެވަނަ ސިފައެއް ކަމުގައި ގެންނަވާފައިވަނީ، މުޅި ދުނިޔެއަށް މިހާރު ޖެހިފައިވާ އަދި އެކަމަކުން ޝިފާލިބުން އުނދަގޫ ބޮޑު ބައްޔެއްގެ ގޮތުގައި ސިފަކުރެވޭ ކަމެއްގެ ވާހަކައެވެ. އެއީ ބޭކާރު ވާހަކަތަކާއި، ބޭކާރު ކަންތަކުން ދުރުވުމުގެ ވާހަކައެވެ.

"އަހަރެމެންގެ ތެރެއިން ގިނަބަޔަކު މީސްމީޑިއާ އާއި ޚަބަރު ފަތުރާ ވަސީލަތްތަކުގައި ލިޔެ، ދައްކާ ބޭކާރު ވާހަކަތަކާއި، ޙަޤީޤަތާ ދުރު ކަންކަމުގައި މަޝްޣޫލުވެއުޅުމަކީ ދެރަކަމެކެވެ. އަދި ޙަޤީޤަތެއްކަމުގައި ވިޔަސް، ކޮންމެ ވާހަކައަކީ ފަތުރަން ޖެހޭ ވާހަކައެއް ނޫނެވެ. ތިބާ ލިޔެ، ބުނެއުޅޭ، ކޮންމެ ޖުމްލައަކީ ޤިޔާމަތް ދުވަހު އެއާ މެދު ސުވާލުވެވޭނެ ޖުމްލައެކެވެ. އެހެންކަމުން ތިބާ ބުނެއުޅޭ ވާހަކަތައް ﷲ ރުއްސަވާ ވާހަކަތަކަކަށް ހަދާށެވެ! ވާހަކައެއް ފެތުރުމުގެ ކުރިން އެ ވާހަކައަކީ، ތިބާގެ އާޚިރަތަށް އަސަރުކުރާނޭ ވާހަކައެއް ކަމުގައި ވިސްނުމަށް ފަހު، އެކަމާމެދު ގޮތެއް ނިންމާށެވެ!" ޚުޠުބާގައި ވިދާޅުވިއެވެ.

ތިންވަނަ ސިފައެއްކަމުގައި އަންގަވާފައިވަނީ، ދީނުގެ ރުކުނެއްގެ ވާހަކައެވެ. ޚުޠުބާގައި ވިދާޅުވި ގޮތުގައި، އެ ރުކުނާމެދު ފަރުވާ ކުޑަކުރި މީހުންނާ ދެކޮޅަށް މި އުންމަތުގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނު ހަނގުރާމަކުރެއްވި ރުކުން ކަމުގައިވާ މުދަލު ޒަކާތެވެ. ނިޞާބު ހަމަވެ، އަހަރެއްވުމުން އެ މުދަލުން ކަނޑައެޅިގެންވާ މިންވަރު، ޒަކާތުގެ ބެހެނިވެރިންނަށް ނެރުމަށް އަންގަވާފައިވެއެވެ.

ހަތަރުވަނަ ސިފައެއްކަމުގައި އަންގަވާފައިވަނީ، ލަދުވެތި ގުނަވަނަށް ރައްކާތެރިވުމުގެ ވާހަކައެވެ.

ޚުޠުބާގައި ވިދާޅުވި ގޮތުގައި، މުއުމިނުންގެ ކިބައިގައި ހުންނަންޖެހޭ ފަސްވަނަ ސިފައެއްކަމުގައި އަންގަވާފައިވަނީ، އަމާނާތްތަކަށާއި ޢަހުދުތަކަށް ރައްކާތެރިވުމެވެ. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް ކޮންމެވެސް ސިފައެއްގައި އަމާނާތެއް ޙަވާލުވެފައިވާ މީހެކެވެ.

"އަމާނާތަކީ ހަމައެކަނި ތިބާގެ އަތަށް މީހަކު ރައްކާކުރަންދޭ ފައިސާއެއް އެކަންޏެއް ނޫނެވެ. އަމާނާތުގެ ވައްތަރުތައް ވަރަށްވެސް ގިނައެވެ. އެންމެ މުހިއްމު އަމާނާތަކީ އަހަރެމެންނާ މާތް ﷲ ޙަވާލުކުރައްވާފައިވާ އެކަލާނގެ ފަރުޟުތަކެވެ. ފަރުޟު ފަސް ނަމާދާއި، ޒަކާތާއި ރޯދައާއި ޙައްޖެވެ. ދެވަނަ ވައްތަރަކީ އަޅުތަކުންނާއި ގުޅިފައިވާ ޙައްޤުތަކެވެ. އޭގެ ތެރޭގައި ވަޒީފާއެއްގައި އުޅޭނަމަ ވަޒީފާގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމާއި، މީސްތަކުންގެ މުދަލަށާއި  ސިއްރުތަކަށް ރައްކާތެރިވުމަކީވެސް އަމާނާތެކެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މުއުމިނުންގެ ކިބައިގައި ހުންނަންޖެހޭ ހަވަނަ ސިފައެއްކަމުގައި އަންގަވާފައިވަނީ، ނަމާދު ތަކަށް ރައްކާތެރިވުމެވެ. ފަސް ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ. މިއާޔަތްތަކުގައި ނަމާދުގެ ވާހަކަ ތަކުރާރުވުމުން އެނގެނީ ނަމާދަށް ދެވިފައިވާ އަހައްމިއްޔަތެވެ. ބަޔާންވެދިޔަ ހަ ކަންތަކަށް ރައްކާތެރިވެއްޖެ މީހަކީ ފަލާޙާއި ކާމިޔާބު ލިބިއްޖެ މީހެކެވެ. އެފަދަ މީހުންނަކީ ސުވަރުގޭގެ ވާރުތަވެރިންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު