ވޯޓުލުމަކީ ޤައުމީ ވާޖިބެއް ކަމަށް ވިދާޅުވެ، މިނިވަންކަމާއެކު ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އެދިވަޑައިގެންފިއެވެ.
މިއަދު އޮންނަ މަޖިލިސް އިންތިޚާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ދެއްވި މެސެޖުގައި ވަނީ ވީހާވެސް އަވަހަށް ވޯޓުލުމުގެ ޙައްގު އަދާކުރުމަށް އިލްތިމާސްކުރައްވާފައެވެ. ވޯޓުލުން ފަސްކޮށްފިނަމަ ކިޔޫގައި މަޑުކުރަން ޖެހޭ ވަގުތު އިތުރުވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވޯޓާ ގުޅުވައިގެން އެއްވެސް މީހަކު ދޭ ހަދިޔާއެއްގައި ނުވަތަ އެ ނޫންވެސް މަންފާއެއް ލިބޭ އެއްޗެއްގައި ނުހިފުމަށާއި، ވޯޓުލުމަށްފަހު އެއްވެސް މީހަކު ވޯޓުލާ މަރުކަޒުތަކުގެ ކައިރީގައި މަޑުނުކުރުމަށް ފުއާދު އިލްތިމާސްކުރެއްވިއެވެ.
ވޯޓުލާން ދިއުމުގެ ކުރިން ކޮންމެ މީހަކު ވެސް އެ މީހަކު ވޯޓުލާންދާން ޖެހޭތަން ޔަގީން ކުރެއްވުމަށް އެދިވަޑައިގަންނަވަމުން، ފޮށިތައް ހުރި ސަރަހައްދުތައް ބަދަލުވެފައިވާކަން ފުއާދު ފާހަގަކުރެއްވިއެވެ.
"ވޯޓުލުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް، ޤައުމީ ވާޖިބެއް. އެކަން އަދާކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް." ފުއާދު ވިދާޅުވިއެވެ.
މަޖިލިސް އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ވަނީ ފަށާފައެވެ. ރާއްޖޭގައި ވޯޓުލުން ކުރިއަށްދާނީ ހަވީރު 5:30 އާ ހަމައަށެވެ. ވޯޓުލާ ވަގުތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.