ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތުގައި އެމްޑީޕީގެ މެންބަރުން ފަސްނުޖެހި ކުރިއަށްދާނެކަމަށް އެ ޕާޓީން ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިހެން ބުނެފައިމިވަނީ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރިމަތިވި ނާކާމިޔާބީއާއި ގުޅިގެން އެ ޕާޓީން ނެރުއްވާފައިވާ ބަޔާނެއްގައެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ އިންތިޚާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ހުރިހާ ކެނޑިޑޭޓުންނަށް މަރުޙަބާ ކިޔާފައެވެ.
އިއްޔެ ބޭއްވި އިންތިޚާބުން ބޮޑުތަނުން ބަލިވި، އެމްޑީޕީގެ ބަޔާނުގައި ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި, ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށާއި ރާއްޖޭގެ ތަރައްޤީއަށް ފަށައިފައިވާ މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރާ މަޖިލީހަކަށް ވުމަށް އެދިފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެންމެ ބޮޑު އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުންކަން ފާހަގަކޮށް އެ ޕާޓީން ވަނީ އިންތިޚާބު ކާމިޔާބުކުރެއްވި ހުރިހާ ކެންޑިޑޭޓުންވެސް އެ މަސައްކަތް އެއްވެސް ފަސްޖެހުމެއް ނެތި ކުރައްވަމުން ގެންދަވާނެކަމަށް ޔަޤީން ކުރާކަމަށް ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުން ނެރޭ ނޫސްބަޔާންhttps://t.co/cMCaeWEklG pic.twitter.com/p5psF7NahN
— MDP Secretariat (@MDPSecretariat) April 21, 2024
ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓުމަށާއި ސަރުކާރު ޖަވާބުދާރީކޮށް ދިވެހިރައްޔިތުންގެ ހައްޤުތައް ރައްކާތެރިކުރުމަށް ވަކާލާތުކުރާ ޕާޓީއެއްގެ ގޮތުގައި އެޕާޓީން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން ދޭކަމަށްވެސް އެމްޑީޕީން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހާސިލުކޮށް 20 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ، ސަރުކާރު ހިންގާ މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ކޮންގްރެސް ޕާޓީ)އިން ވަނީ ކާމިޔާބު ކޮށްފައެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ކޮންގްރެސް ޕާޓީއަށް 20 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައިވަނީ 71 ގޮނޑި ކާމިޔާބުކޮށްގެންނެވެ. މި އިންތިޚާބުގައި ޖުމްލަ 93 ދާއިރާއަކަށް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ.
މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އޮތް އެމްޑީޕީއަށް، ވަގުތީ ނަތީޖާ ދައްކާގޮތުން ކާމިޔާބު ކުރެވިފައިވަނީ އެންމެ 12 ގޮނޑިއެވެ. އަދި އެ ޕާޓީގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި ހަތަރު ބޭފުޅަކު މި އިންތިޚާބުގައި ވާދަކުރެއްވިއިރު އޭގެ ތެރެއިން އެއްވެސް ބޭފުޅަކަށް އިންތިޚާބު ކާމިޔާބުނުކުރެވުނެވެ.
މި އިންތިޚާބުގައި ސަރުކާރާއެކު މަސައްކަތް ކުރަމުން އަންނަ ތިން ޕާޓީ ކަމަށްވާ އެމްޑީއޭ އާއި އެމްއެންޕީ އަދި ޖުމްހޫރީ ޕާޓީން ވެސް ވަނީ ގޮނޑިތައް ކާމިޔާބުކޮށްފައެވެ. އެގޮތުން ތިން ޕާޓީގެ ލީޑަރުން ވެސް ވަނީ ގޮނޑި ކާމިޔާބު ކުރައްވާފައެވެ. އެމްޑީއޭއަށް ދެ ގޮނޑި މި އިންތިޚާބުގައި ކާމިޔާބުކުރެވުނެވެ.
އިންތިޚާބުގައި ވާދަކުރި އަދާލަތު ޕާޓީއަށާއި، ދަ ޑިމޮކްރެޓްސްއަށް އެއްވެސް ދާއިރާއެއްގެ ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި 20 ވަނަ މަޖިލިސް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި 6 ކެންޑިޑޭޓުން އިންތިޚާބު ކާމިޔާބުކޮށްފައިވެއެވެ.