Wednesday, 19 June 2024

ދިވެހީންގެ މެދުގައި ރައީސް ޑރ. މުޢިއްޒަށް އޮތް އިތުބާރާއި ޔަޤީންކަން ހާމަވެއްޖެ: ޤާސިމް

ދިވެހީންގެ މެދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އޮތް އިތުބާރާއި، ޔަޤީންކަން ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ނަތީޖާއިން ހާމަވެފައިވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ސަރުކާރުން ހޯއްދެވި ފުރިހަމަ ކާމިޔާބީ ފާހަގަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި، ޕީ.އެން.ސީއިން ހޯއްދެވި ސްޕަރ މެޖޯރިޓީއަކީ އެޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދިވެހީންގެ މެދުގައި އޮތް އިތުބާރާއި، ޔަޤީންކަމުގެ އަލިގަދަ ހެއްކެއްކަމަށް ވިދާޅުވިއެވެ. އަދި މި ކާމިޔާބީ ފާހަގަކުރައްވާ ރައީސް ޑރ. މުޢިއްޒަށާއި، ޕީ.އެން.ސީގެ ލީޑަރޝިޕާއި، ކާމިޔާބު ހޯއްދެވި އެންމެހާ ކެންޑިޑޭޓުންނަށް ޤާސިމް ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

ޤާސިމް ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިޚާބުގައިވެސް އަދި 2024 ގެ މަޖިލިސް އިންތިޚާބުވެސް ސަރުކާރަށް ކާމިޔާބުވުމުގެ ފަހަތުގައި އޮތީ ނުހަނު ހުޠޫރަތްތެރި ޙާލަތެއްގައި، ނުހަނު އިޙްލާސްތެރިކަމާއެކު ރައީސް ޑރ. މުޢިއްޒާއި، އެމަނިކުފާނުގެ ޓީމުން ކުރެއްވި ބުރަ މަސައްކަތްޕުޅުގެ ނަތީޖާކަމަށެވެ. އަދި މިއީ ވަކި ބޭފުޅަކަށް ހުސްގޮނޑިއެއް ބަހައްޓަވައިގެން ކުރެއްވި މަސައްކަތްޕުޅުން ލިބުނު ނަތީޖާއެއް ނޫންކަން ރައީސް ޑރ. މުޢިއްޒަށް ރައްޔިތުން ދެއްވި ތާއީދާއި، ދެއްވި ފުރިހަމަ މެޖޯރިޓީން ކަށަވަރުވެފައިވާކަމަށްވެސް ވިދާޅުވިއެވެ.

"އެހެނީ މިފަދަ ބޮޑު ކާމިޔާބީ އެއް ހޯއްދެވިއިރު އެއްވެސް ޖަލްސާއެއްގައި ހުސްގޮނޑިއެއްވެސް ނުވަތަ ވަކިބޭފުޅެެއްގެ ފޮޓޯއެއްވެސް ބަހައްޓާފައިވަނިކޮށް ނުފެނޭ." ޤާސިމްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގެ ކެމްޕޭންގެ ތެރެއިން ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް އަމާޒުވި ބައެއް ފާޑުކިޔުންތަކަށްވެސް ވަނީ ރައްދުދެއްވަމުން، އެ ބޭފުޅެއްގެ ފޮޓޯއާއި ހުސްގޮނޑި ނިސްބަތްވާ ފަރާތުން ރައީސް ޑރ. މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރާއި ގުޅޭގޮތުން ފަތުރުއްވަމުން ގެންދެވި ވާހަކަތަކާއި، މެދުކެނޑުމެއްނެތި ކުރިމަތިކުރައްވަމުން ގެންދަވާ ތުހުމަތުތައް ދިވެހި ރައްޔިތުން އެއްވެސް ވަރަކަށް ބަލައިނުގަންނަކަން މަޖިލިސް އިންތިޚާބުގެ މި ނަތީޖާއިން ދިވެހީން ދައްކުވައިދީކަން ޤާސިމް ފާހަގަކުރެއްވިއެވެ. އަދި އެގޮތަށް ފާޑުވިދާޅުވި ބޭފުޅުން މަޖިލީހުގެ އިންތިޚާބަށް ނެރުއްވި އެއްވެސް ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބުވެފައި ނުވާކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

"ރައީސް ޑރ. މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރާއި ގުޅޭގޮތުން، ފަތުރުއްވަމުން ގެންދެވި އިހާނެތި ވާހަކަތަކާއި، މެދުކެނޑުމެއްނެތި ކުރިމަތިކުރައްވަމުން ގެންދެވި އަދި ގެންދަވާ ތުހުމަތުތަކާ، ކުރައްވަމުން ގެންދަވާ މިފަދަ ހަޑިހުތުރު ޢަމަލުތައް ދިވެހި ރައްޔިތުން އެއްވެސް ވަރަކަށް ބަލައިނުގަންނަކަން ވޯޓުގެ ނަތީޖާއިން ދިވެހީން އެވަނީ ދައްކުވައި ދެއްވާފައި މިއާއެކު މި ބޭފުޅުން މަޖިލީހުގެ އިންތިޚާބަށް ނެރުއްވި އެއްވެސް ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބުވެފައި ނުވާކަމީވެސް ފެންނާން އޮތް ހަޤީޤަތެެއް" ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މާމިގިލީ ދާއިރާއަށް ޕީ.އެން.ސީން ކެންޑިޑޭޓަކު ނުނެރުއްވާ، އެމަނިކުފާނަށް ތާއީދުކޮށްދެއްވީތީ ރައީސް ޑރ. މުޢިއްޒަށް ވަނީ ވަކިން ޚާއްސަ ޝުކުރެއް ދަންނަވާ ކަމުގައެވެ. އަދި ދިވެހި ޤައުމަށް އުޖާލާ މުސްތަޤްބަލެއް ގެނައުމަށް ރައްޔިތުންގެ އެންމެމަތީ ތާއީދު ހުރިހާ ސިފައެއްގައިވެސް ރައީސް ޑރ. މުޢިއްޒަށް މިއަދު ދިވެހި ރައްޔިތުން އަރުވާފައިވާކަން ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު