ރައްޔިތުންގެ މަޖިލިހަށް ހޮވާ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނު އަސާސީއަށް އިޞްލާޙް ގެނައުމަށް ހުށަހަޅައިފިއެވެ.
މި އިޞްލާޙް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައި މިވަނީ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ އަމިއްލައަށް އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ބަޔާންކޮށް، އެންޓި ޑިފެކްޝަން ޤާނޫނު ފާސްކޮށް ތަސްދީޤް ކުރައްވާފައިވަނިކޮށެވެ.
ޤާނޫނު އަސާސީއަށް ޙަސަން ލަތީފު ހުށަހެޅުއްވި އިޞްލާޙްގައިވާގޮތުން ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ މިނިވަން ކެންޑިޑޭޓަކު ޕާޓީއަކަށް ސޮއިކޮށްފިނަމަ އަދި ޕާޓީން މެންބަރަކު ވަކިކޮށްފިނަމަ އެ މެންބަރަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެއެވެ. މިހާރު އޮތް އެންޓި ޑިފެކްޝަން ޤާނޫނުގައިވާ ގޮތުން މިފަދަ އެއްވެސް ހާލަތެއް ދިމާވެއްޖެނަމަ މެންބަރު އަމިއްލައަށް އިސްތިއުފާ ދޭން ޖެހެއެވެ. ނަމަވެސް އިސްތިއުފާ ނުދީފިނަމަ ދެން އަމަލުކުރާނެ ގޮތެއް މި ޤާނޫނުގައި ބަޔާންކޮށްފައި ނުވެއެވެ.
ޤާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާޙުގައި ޕާޓީން ވަކިކުރާ މެންބަރުންގެ ތެރެއިން ގޮނޑި ގެއްލޭނީ އެ ޕާޓީއެއްގެ ނިންމުމާ ޚިލާފަށް ވޯޓުދީގެން އަސާސީ ގަވާއިދާ އެއްގޮތަށް ޕާޓީން ވަކިކުރުމުންނެވެ. އެހެން ހާލަތެއްގައި ޕާޓީން ވަކިކޮށްފިނަމަ މެންބަރުކަމުން ވަކިވާނީ އެ މެންބަރަކު އިންތިޚާބުވީ ދާއިރާގެ ވޯޓުދިނުމުގެ ޙައްގު ލިބޭ މީހުންގެ އަޣުލަބިއްޔަތުން ވަކިކުރުމުންނެވެ.
ހަމައެހެންމެ، އެއްވެސް މެންބަރެއް ތަމްސީލް ކުރާ ދާއިރާގެ ވޯޓުލުމުގެ ޙައްގު ލިބިފައިވާ އާބާދީގެ ވަކި އިންސައްތައެއްގެ ރައްޔިތުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅައިފިނަމަ އެ ޕެޓިޝަން ދިރާސާކޮށް، އޭނާ މަގާމުގައި ބެހެއްޓުމާ ގުޅޭގޮތުން އާންމު ވޯޓެއް ނަގަން ޖެހޭނެކަމަށް ވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. އެ މެންބަރަކު މަގާމުން ވަކިވާނީ ވޯޓުލާ މީހުންގެ އަޣުލަބިއްޔަތުންނެވެ.
މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް މިހާރު އޮތް އެންޓި ޑިފެކްޝަން ޤާނޫނުގައިވާ ގޮތުން މެންބަރަކު ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ނުލިބެއެވެ.
ގުޅުންހުރި:
އެންޓި ޑިފެކްޝަން ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
ކިޔުންތެރިންގެ ޚިޔާލުތައް:
ރަައތްޔަތުންގެ މަަޖިލީހުގެ މިބަރަކު ހުރިޕާޓީ ނޫން އެހެން ޕާޓީއަކައް ވޯޓް ދީފިނަމަ އެޕާޓީން ވަކިވީ ކަމައް އަޅުގަޑު އެއީރަގަޅުު ގޮތެއްކަން ގަބޫލުކުރަން އަދި އެމިންބަރަކު ވަކިކުވަކިކުރެވި ދާނެގޮތަކީ އެމިބަރަކު ހޮވުނުދާއިރާ ވޯޓް ލީމީހުންގެ އަދަދުގެ ތިންބައި ކުޅަ ދެބައި މީހުންގެ އަގުލަބިޔަތު ލިބިފައިވާ ޕެޓި ސަނެއް މަޖިލީހައް ހުށައެޅުމުން އެމިންބްރު ގެގޮޑިގެއްލޭވާނެ އަދި އެމިން އެމިންބަރު މަޖިލީހުގެ ޖަލްސާތަކައް ހާޒިރުނުވެ ތިންމަސް ވެއްޖެނަމަ އެދާއިރާގެ މިންބަރުން އެހުށައެޅި ޕެތިސަނައް އަމަލުކޮއް އެމިންބަރު އެދާއިރާ ގެގޮޑިން ވަކިކުރެވެންވާނެ އަދިއެދާއިރާގެ ބައިއިލެކުސަނެއް ބާވަންޖެހޭނެ ކަމައް އަޅުގަޑު ގަބޫލުރަނީ