ދެން ފެންނާނީ ތަފާތު މަޖިލީހެއް، މުޅިންވެސް އޮންނާނީ ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރުން: އަދުރޭ

ވިހިވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ތަފާތު މަޖިލީހަކަށް ކަމަށާއި، މުޅިންވެސް އޮންނާނީ ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރުން ކަމަށް ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަދި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އެޑްވައިޒަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.  އެމަނިކުފާނު މިހެން ވިދާޅުވީ ދައުލަތުގެ މީޑިޔާ "ޕީއެސްއެމް ނިއުސް" ގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، އައު މަޖިލިސް ރައްޔިތުންނަށް ފެންނާނީ ފާއިތުވި މަޖިލިސްތަކާ ތަފާތު މަޖިލީހެއްގެ ގޮތުގައިކަމަށެވެ. އެ މަޖިލީހުގައި މުޅިންވެސް އޮންނާނީ ރައްޔިތުންގެ ލާބަޔައި މަންފާއަށްޓަކައި ހަދަންޖެހޭ ޤާނޫނުތައް ހެދުމާއި ރައްޔިތުންގެ ފައިދާއަށް މަސައްކަތްކުރުންކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. މިއާއެކު ޢަބްދުއްރަޙީމް ވިދާޅުވީ ލިބިވަޑައިގެންނެވި މެޖޯރިޓީ ހިފެހެއްޓޭނެކަމުގެ ޔަޤީންކަންވެސް ވަރަށް ބޮޑަށް އެބައޮތްކަމަށެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކަށް މަޖިލީހުގެ އަޣްލަބިއްޔަތު ލިބި ނުހިފެއްޓުނީ ކީއްވެކަން ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި މަޖިލީހުގެ 12 މެންބަރުން ވަކިވެގެން ދިޔައީ ކީއްވެގެންކަމާއި، އެކަން އެހެން ހިނގީ ކޮން ސަބަބުތަކެއް ހުރެކަން އެންމެ ގާތުން ފެނިވަޑައިގެންނެވިކަމަށެވެ. އެހެންކަމުން މިހާރުގެ ސަރުކާރާއި، އަލަށް އިންތިޚާބުވި މެންބަރުންނަށް، މެޖޯރިޓީ ހިފަހައްޓަން ކުރަންޖެހޭ ކަންތައްތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އަދުރޭ ފާހަގަކުރެއްވި ގޮތުގައި، އޮތް އެންމެ ބޮޑު އިތުބާރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އެއްވެސްކަމެއް ދިމާވެގެން އެއްވެސް ބޭފުޅަކު ދުރަށްވަޑައިގަންނަވަން ނުޖެހުމެވެ.

އެހެންކަމުން އެބޭފުޅުންގެ ތަޖުރިބާއާއެކު ދިވެހި ރައްޔިތުން ދިން މެޖޯރިޓީ ހިފަހައްޓައިގެން މިދައުރު ފުރިހަމަކުރާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި މެޖޯރިޓީ ނުހިފެހެއްޓިގެން ކުރީގެ ވެރިކަންތައް ދިޔަގޮތަށް ނުދާނެކަމުގެ ޔަޤީންކަންވެސް އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އެޑްވައިޒަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް ވަނީ ސުޕަރ މެޖޯރިޓީ ލިބިފައެވެ. އެގޮތުން ޕީއެންސީގެ 66 މެންބަރުންނާއި ރައީސްގެ ތާޢީދާއެކު އިންތިޚާބު ކާމިޔާބު ކުރެއްވި މެންބަރުންނާއެކު އަޣްލަބިއްޔަތު އަށްޑިހައާ ގާތްކުރާކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު