މާރިޗުމަހު ޒަކާތު ފަންޑުން 59 މީހަކަށް ބޭސްފަރުވާގެ އެހީދީފި

މިދިޔަ މާރިޗު ޒަކާތު ފަންޑުން ބޭސްފަރުވާ ކުރުމަށް 59 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ޒަކާތު ހައުސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޒަކާތު ހައުސްގެ މާރިޗު މަހުގެ ތަފާސް ހިސާބު ރިޕޯޓް މިހާރު ވަނީ އާންމުކޮށްފައެވެ. އެ ރިޕޯޓުން ދައްކާ ގޮތުގައި ސިއްހީ ކަންކަމުގެ އިތުރުން ޒަރޫރީ އެހީ އާއި ސްކޮލަރޝިޕަށްވެސް ޒަކާތު ފަންޑުން ވަނީ ޚަރަދުކޮށްފައެވެ.

ޒަކާތު ފަންޑުން މައިގަނޑު ހަތަރު ދާއިރާއަކުން ބޭސްފަރުވާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ. އެއީ ކެންސަރު ބައްޔާއި ހިތުގެ އޮޕަރޭޝަނާއި ޓްރާންސްޕްލާންޓް އަދި ސިކުނޑީގެ އޮޕަރޭޝަންތަކަށެވެ.

މާރިޗުމަހު އެހީގެ ގޮތުގައި 685،026.19 ރުފިޔާ ހަމަޖެހިފައި ހުރި ނަމަވެސް އެހީގެ ގޮތުގައި 878،682.88 ރުފިޔާ ޚަރަދު ކޮށްފައިވެއެވެ. މި ޚަރަދުތަކުގެ ތެރޭގައި މިއަހަރުގެ ފެބްރުއަރީމަހު އެހީ ހަމަޖެހިފައިވާ މީހުންނަށް ފޯރުކޮށްދިން އެހީވެސް ހިމެނޭކަން ޒަކާތު ހައުސުން ފާހަގަކުރެއެވެ.

ޒަކާތު ފަންޑުން ބޭސްފަރުވާއަށް ދީފައިވާ އެހީ

  • ކެންސަރ- 190،882.5ރ.
  • ހިތުގެ އޮޕަރޭޝަން- 8،481ރ.
  • ޓްރާންސްޕްލާންޓް- 25،443ރ.
  • ސިކުނޑީގެ އޮޕަރޭޝަން- 180،407.50ރ.
  • އެހެނިހެން- 279،872.50ރ.

ޒަރޫރީ އެހީގެ ގޮތުގައި ޒަކާތު ފަންޑުން އެހީ ފޯރުކޮށްދެނީ ހާއްސަ ހާލަތްތައް މެދުވެރިވެގެން ހާލުގައި ޖެހޭ ފަރާތްތަކަށެވެ. އެގޮތުން، މިދިޔަ މާރިޗު މަހު އެފަދަ ފަރާތްތަކަށް ޖުމްލަ 17،207.65 ރުފިޔާ ޚަރަދު ކުރިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އަދި 2018 ވަނަ އަހަރު ސްކޮލަރޝިޕް އެވޯޑު ކުރެވިފައިވާ ދަރިވަރުންގެ ތެރެއިން ކިޔަވަމުންދާ ދަރިވަރަކަށް ކޯސް ފީ އަދި ސްޓައިޕެންޑް ދިނުމަށް 44،563.80 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި އިދާރީ މުވައްޒަފުންގެ އުޖޫރައިގެ ގޮތުގައި ޚަރަދު ކުރެވިފައިވަނީ 374،950.28 ރުފިޔާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މޯލްޑިވްސް ޒަކާތު ހައުސް އުފައްދަވާފައިވަނީ ރާއްޖޭގައި ޒަކާތާމެދު ހޭލުންތެރިކަން އުފައްދާ ޒަކާތް ބަލައިގަތުމުގެ މަސައްކަތް ހަރުދަނާކުރުމުގެ ބޭނުމުގައެވެ. މި އިދާރާ އުފައްދަވާފައިވަނީ ނިމިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އަދި އިދާރާ އިފްތިތާޙްކޮށްފައިވަނީ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު