Saturday, 22 June 2024
ރޭގެ ޖަލްސާގައި ނައިބް ރައީސް ފައިސަލް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: އެމްޕީޑީ

ނަޒޫގެ ކެމްޕޭނަށް ވަޑައިގަތުމަށް އެދުމުން ފައިސަލް ދެއްވީ ބީރުކަންފަތެއް: އެމްޑީޕީ ފުވައްމުލަކު ދެކުނު ދާއިރާ

ޏ. ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރެއްވި ކުރީގެ ނައިބުރައީސް ފައިސަލް ނަސީމްގެ ކޮއްކޮ އަދި އެމްޑީޕީ ކެންޑިޑޭޓް ނަޒްރާ ނަސީމް (ނަޒޫ)ގެ ކެމްޕޭނަށް ވަޑައިގަތުމަށް އެ ދާއިރާގެ ގިނަ ރައްޔިތުން އެދުމުން ވެސް ފައިސަލް ދެއްވީ ބީރު ކަންފަތެއް ކަމަށް އެމްޑީޕީގެ ފުވައްމުލަކު ދެކުނު ދާއިރާ އިން ބުނެފިއެވެ.

އެމްޑީޕީގެ ފުވައްމުލަކު ދެކުނު ދާއިރާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ފައިސަލް، ނަޒްރާއަށް އެންޓި ކެމްޕޭން ކުރެއްވުމުން ކަންބޮޑުވާ ކަމަށެވެ. ފައިސަލް ފުނާޑު އަދި ދޫޑިގަމަށް ނިސްބަތްވާ ރައްޔިތުންނަށް ގުޅުއްވާ، ނަޒްރާއަށް ވޯޓް ނުދެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގެންނެވި ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ.

އެމްޑީޕީގެ އެކި ދާއިރާތަކުގެ ކެންޑިޑޭޓުންގެ ކެމްޕޭނަށް ފައިސަލް ވަޑައިގެންނެވިއިރު ނަޒްރާގެ ކެމްޕޭނަށް ވަޑައިގަތުމަށް ދާއިރާގެ ރައްޔިތުން އެދުމުން ފައިސަލް ދެއްވީ ބީރުކަންފަތެއް ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ކެމްޕޭނަށް ފައިސަލް ނުގެނެވޭނެ ކަމަށާއި އެމަނިކުފާނުގެ ތާއިދު އޮތީ ޕީއެންސީގެ ކެންޑިޑޭޓަށް ކަމަށް ބުނެ ވާދަވެރި ކެމްޕޭން ޓީމުތަކުން ބަހުގެ ހަމަލާތައް ރައްދު ކުރި ކަމަށް ވެސް ވަނީ ބުނެފައެވެ.

މިއީ އެއްވެސް ހާލެއްގައި އާއިލީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށާއި ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ނުކުރައްވާ ވާދަވެރި ކެންޑިޑޭޓަށް ވާގިވެރިވުން ވެގެންދިޔައީ އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުންގެ ހައްޤަށް ލިބުނު ވަރަށް ބޮޑު އުނިކަމެއްކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުނީ، ފުވައްމުލަކަށް ނިސްބަތްވާ މިދިޔަ ސަރުކާރުގެ ނައިބް ރައީސް ފައިސަލް ނަސީމުގެ ސަބަބުން ކަމަށް އެ ދާއިރާއަށް ވާދަކުރެއްވި އެމްޑީޕީ ކެންޑިޑޭޓް ނަޒްރާ ނަސީމްގެ ފިރިކަލުން، ކުރީގެ ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް ވެސް ވަނީ ވިދާޅުވެފަައެވެ.

އެމްޑީޕީގެ ފުވައްމުލަކު ދެކުނު ދާއިރާގެ ބަޔާން

އެ ދާއިރާގެ ގޮނޑި ނެގީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ހުސައިނެވެ. އޭނާއާ ނަޒްރާ އާ ދެމެދު އޮތީ 48 ވޯޓުގެ ތަފާތެކެވެ.

އެ އިންތިހާބާއި ގުޅުވައިގެން މަހުލޫފް އެމްޑީޕީ ގައުމީ މަޖިލީސް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެ ދާއިރާގެ ގޮނޑި އެމްޑީޕިއަށް ގެއްލުވާލީ ސީދާ ނަޒްރާގެ ބޭބޭފުޅު، ފައިސަލް ނަސީމް ކަމަށެވެ. އެކަމަކު އެމަނިކުފާނަށް ގެއްލުވާލެވުނީ އެންމެ 48 ވޯޓު ކަމަށް ވިދާޅުވިއެވެ. އަދި އެ ދާއިރާގެ ޓީމްގެ ފަރާތުން މި މައްސަލަ ޕާޓީއަށް ހުށަހަޅާނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

މަހްލޫފް ވިދާޅުވީ، އާއިލާ އަދި ދާއިރާގެ އެތައް ބަޔަކަށް ގުޅާ ދިޔައީ ނަޒްރާ އާއި ދެކޮޅަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި މިކަން ޕާޓީގެ ލީޑާޝިޕް ބޭފުޅުންނަަށާއި، އަދި ނަޒްރާގެ މައިންބަފައިންނާއި އާއިލާއަށްވެސް އެނގޭނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި، މިކަން ފެށުނީ ރިޔާސީ އިންތިހާބުގައި މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް ރަނިންމޭޓަކަށް ހަމަޖެއްސި ހިސާބުންނެވެ.

ނަޒްރާ އެމްޑީޕީ މަޖިލީސް ޕްރައިމަރީގައި ވާދަކުރިއިރުން ފެށިގެންވެސް ފައިސަލް އޭނާގެ ކެމްޕެއިންގައިވެސް އުޅެފައެއް ނުވެއެވެ. އަދި ނަޒްރާ މަޖިލީހަށް ނުގެނައުމަށް، ފައިސަލް އެންޓި ކެންޕެއިން ކުރި ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.

ނަޒްރާގެ ދައްތަ އަސްރާ ނަސީމް ބުނެފައިވާގޮތުގައި ނަޒްރާއަށް އިންތިހާބުގައި ލިބިފައި ވަނީ ބޮޑު ކަމިޔާބީއެކެެވެ. އަދި ބޭބެ ފައިސަލް ވިދާޅުވެގެން އެންޓިކެމްޕެއިން ކުރިއިރު، މުޅި އާއިލާއަށް ދުއްތުރާ ކުރިި ނަމަވެސް، އިންތިހާބު ކާމިޔާބު ކުރެއްވި ބޭފުޅާއަށް އެ އިންތިހާބު ކާމިޔާބު ކުރެވުނީ ނަޒްރާއާ 48ގެ ވޯޓުގެ ތަފާތުން ކަަމަށް ބުނެފައި ވެއެވެ.

އަދި ފައިސަލް ސިޔާސީ ކަމެއްގައި ނުކުމެގެން ދެން އާއިލާގެ ތާއީދެއް ނުލިބޭނެ ކަަމަށްވެސް އަސޫ ބުނެފައިވެއެވެ.

ނަޒޫއަށް ގޮނޑި ގެއްލުނީ، ފައިސަލް އެންޓިކެމްޕެއިން ކުރުމުން ކަމަށް ތުހުމަތުކޮށްފި

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު