Saturday, 15 June 2024

ޒަކާތުގެ މަޤްޞަދަކީ އޭގެ ޙައްޤުވެރިންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުން: ހުކުރު ޚުޠުބާ

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޒަކާތުގެ މަޤްޞަދަކީ އޭގެ ޙައްޤުވެރިންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ރާއްޖޭގެ މިސްކިތްތަކުގައި "ފަރުޟު ޒަކާތާއި އިޤްތިޞާދާހުރި ގުޅުން" މި މައުޟޫޢުގެ މައްޗަށް އިއްވި ހުކުރު ޚުޠުބާގައި ވިދާޅުވީ، ފަޤީރުކަމުގެ ޙާލަތަކީ ޢަޤީދާގެ ގޮތުންނާއި، ފިކުރުގެ ގޮތުންވެސް އިންސާނާގެ ނަފުސު އަޅުވެތިކޮށްލާ ކަމެެއް ކަމަށާއި، އެހެންކަމުން، ފަޤީރުކަމަކީ އަބުރުވެރި އިންސާނަކު، އޭނާއާ ކުރިމަތިވާން އެދޭނެ ޙާލަތެއް ނޫން ކަމުގައެވެ.

"ކަން މިހެން އޮތް ނަމަވެސް، މީހަކަށް ކުރިމަތިވާ ކަމެއްގެ ސަބަބުން އޭނާގެ ގައިބާރު ދެރަވެ، ދިރިއުޅުމުގެ ޒަރޫރީ ކަންކަން ފުއްދޭނެ ގޮތެއް ނެތި، އަނެކުންގެ އެހީތެރިކަމަށް އެދެން ޖެހިދެއެވެ. އެހެނަސް ކޮންމެ ކޮންމެ މީހަކު މިފަދަ މީހަކަށް އެހީތެރިވެ އޭނާގެ ބޭނުންތައް ފުއްދައި ނުދީފާނެއެވެ. އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ ޒަކާތުގެ ދައުރު ޖެހެނީ މި ހިސާބުންނެވެ. ޒަކާތް ފަރުޟުކުރެއްވީ މުއްސަނދިންގެ މުދަލުން އެ ނަގައި، އޭގެ ޙައްޤުވެރިންނަށް އަދާކޮށް ދިނުމަށްޓަކައެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ، އިސްލާމްދީނުގައި މުދާ ހޯދުމާއި، މުދާ މިލްކުކުރުމާއި، މުދާ ހޭދަކުރުމަށް ވަރަށް ފުރިހަމަ ފަލްސަފާއެއް ކަނޑައަޅުއްވާފައިވާ ކަމަށާއި، އެއީ، ވަޟްޢީ ނަޒަރިއްޔާތަކާ މުޅިން ޚިލާފު ނަޒަރިއްޔާއެއް ކަމަށާއި، މި ނަޒަރިއްޔާގައި، މުދަލުގެ ޙަޤީޤީ މިލްކުވެރި ފަރާތަކީ الله سُبْحَانَهُ وَتَعَالَى ކަމަށާއި، އަދި އިންސާނާއަކީ އެ މުދަލާ ޙަވާލުވެގެން ހުރި މީހާ ކަމުގައެވެ.

"އެހެންކަމުން މުދާ ހޭދަކުރަންވާނީ އެ މުދާ ދެއްވި ފަރާތް ކަމުގައިވާ ﷲ سُبْحَانَهُ وَتَعَالَى އެދިވޮޑިގަންނަވާ ގޮތަށެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވި ގޮތުގައި، ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މުދަލުގެ ޙައްޤަކީ އެ މުދަލުން ޒަކާތް ދިނުމެވެ.

"ތިމާގެ އަތުގައި ރައްކާކޮށް ޚަޒާނާކޮށްފައި ބަހައްޓާ މުދަލުގައި، އެ މުދަލުން ޒަކާތް ނެރެންޖެހޭ ޝަރުޠުތައް ހަމަވާނަމަ، އެއިން ޒަކާތް ދައްކަން ޖެހޭނެއެވެ. އެޝަރުޠުތަކަކީ މުދާ ފުރިހަމައަށް މިލްކުވުމާއި، މުދަލުގައި ނިޞާބު ހަމަވުމާއި، ނިޞާބު ހަމަވިތާ ހަނދުމަހުން އެއް އަހަރު ފުރުމެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

އިސްލާމްދީނުގައި ޒަކާތް ފަރުޟުކުރެއްވީ، ހަމައެކަނި ފަޤީރު މީހާގެ ޙާޖަތްތަކަށް ވަގުތީ ޙައްލެއް ހޯދައިދިނުމަށްފަހު އޭނާ މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލުމުގެ މަޤްޞަދުގައި ނޫކަން ފާހަގަކުރައްވަމުން، އެކަމަކު ޒަކާތުގެ ނިޒާމަކީ މުޅި މުޖުތަމަޢުން ފަޤީރުކަން ނައްތައިލުން ކަށަވަރުކޮށްދޭ ނިޒާމެއް ކަމަށާއި، ފަޤީރުންނާއި މިސްކީނުންގެ ނިކަމެތި ޙާލަތުން އަރައިގަނެ އެބައިމީހުންނަކީ ފުދުންތެރި ބަޔަކަށް ހަދައިދީގެން ކަމުގައި ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

"ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޒަކާތުގެ މަޤްޞަދަކީ އޭގެ ޙައްޤުވެރިންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުމެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ޒަކާތުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިއްޖެނަމަ، ކުރާނެ މަސައްކަތެއް ނުވަތަ އަދާކުރާނެ ވަޒީފާއެއް ނެތިފައި ތިބި އެތައް ބަޔަކަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެ ކަމަށާއި، އޭގެ ސަބަބުން އުފެއްދުންތެރިކަމުގެ މިންވަރު އިތުރުވާނެ ކަމުގައި ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

"މީގެ އިތުރުން، މުޖުތަމަޢުގެ ވަކި ބައެއްގެ އަތުގައި މުދާލާއި ފައިސާ ޖަމާކޮށް، ޚަޒާނާކޮށް، އިޤްތިޞާދުގެ ތެރޭގައި އެ މުދަލާއި ފައިސާ ދައުރުވިޔަނުދީ ހިފެހެއްޓިފައި ހުންނަ ހުރުން ނިމުމަކަށް އަންނާނެއެވެ. މިކަންކަން ކުރެވޭނީ ޒަކާތުގެ ނިޒާމަކީ ދައުލަތުން ރާވައި ހިންގާ ނިޒާމަކަށް ވެގެންނެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ޒަކާތަކީ ދައުލަތާއި ފަރުދުންނާ ދެމެދު އޮންނަ ގުޅުމެއް ކަން ފާހަގަކުރައްވަމުން، ތަނަވަސްކަމުގެ އަހުލުވެރިންގެ ރައުސްމާލުން އުނިކޮށް ދައުލަތަށް ނަގަންޖެހޭ އެއްޗެއް ކަމަށާއި އަދި ފަޤީރުންނާއި މިސްކީނުންނާއި، ދަރަނިވެރިންނާއި، އަލަށް އިސްލާމްވާ މީހުންނާއި، ދަތުރުމަތީގައި ޙާލުގައިޖެހޭ މީހުންނާއި، އަދި މިނޫނަސް ޒަކާތުގެ ޙައްޤުވެރިންގެ ގޮތުގައި ޤުރްއާނުގައި ކަނޑައަޅުއްވާފައިވާ ފަރާތްތަކުގެ ލާބަޔަށްޓަކައި، ހޭދަކުރަންޖެހޭ އެއްޗެެއް ކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

"ޒަކާތް ދެއްކުމުގެ ސަބަބުން އިޤްތިޞާދުގައި ދައުރުކުރާ ފައިސާ އިތުރުވެ، އިޤްތިޞާދަށް އަންނަ ލޮޅުންތަކުން އިޤްތިޞާދު ސަލާމަތްކޮށްދީ ހަމައަކަށް އަޅުވައިދެއެވެ. ފަރުދުންގެ ކިބައިގައި ތަނަވަސްކަން އިތުރުވެ ވިޔަފާރީގެ މުޢާމަލާތްތައް އިތުރުވެއެވެ. މިގޮތުން، އިޤްތިޞާދީ ހީނަރުކަމުގެ ދުވަސްވަރުވެސް މުދާ ގަންނަ ފަރާތްތަކުން އުފެއްދުންތައް ގަތުމަށް ބޭނުންވާ މިންވަރު އިތުރުވެ، އަޑިގުޑަންތަކުން އިޤްތިޞާދު ސަލާމަތްވުމަށް މަގުފަހިވެއެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ޒަކާތުގެ ޝަރްޢީ މަޤްޞަދުތައް ޙާޞިލުކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރިން، އެބައިމީހުންގެ މައްޗަށް މާތް ﷲ ފަރުޟު ކުރައްވާފައިވާ މުދަލު ޒަކާތް އަދާކޮށްގެން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

"އިސްލާމްދީން ބާރުއަޅަނީ ޙަލާލު ގޮތުގައި މަސައްކަތް ކޮށްގެން ރިޒުޤު ހޯދުމަށެވެ. " ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވި ގޮތުގައި، ޒަކާތަކީ މުދާވެރިއަކު ފޯރުކޮށްދޭ ފަރުދީ އިޙްސާންތެރިކަމެއް ނޫނެވެ. އެއީ، މުއްސަނދިންގެ މުދަލުން ނަގައި، އޭގެ ޙައްޤުވެރިންނަށް އަދާކުރަންޖެހޭ ޙައްޤެކެވެ.

"މުއްސަނދިންގެ މުދަލުން ޒަކާތް ނެގުމުގެ ބޭނުމަކީ އެއްވެސް ޙާލެއްގައި އެބައިމީހުންގެ ތަނަވަސްކަން ނިގުޅައިގަނެ އެއުރެންގެ ޙައްޤުތަކަށް އަރައިގަތުމެއް ނޫނެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ، މުދަލު ޒަކާތް ދިނުމަކީ ދީނުގެ މަތިވެރި ރުކުނަކަށް ވީ ނަމަވެސް، އެއާމެދު ވަރަށް ގިނަ މީހުންގެ ހޭލުންތެރިކަން ކުޑަ ކަމަށެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ، ޒަކާތްނެގުމާއި ބެހުމުގެ ހަރުދަނާ ނިޒާމެއް ދައުލަތުން ހަމަޖައްސަވާފައިވާއިރު، ޒަކާތް ދެއްކުމުގެ ޝަރުޠުތައް ފުރިހަމަވާ އެންމެހައި ފަރާތްތަކަށް ޒަކާތް ދެއްކުމަށް ގޮވާލައްވާފައެވެ.

"އަދި ހަމައެހެންމެ ޒަކާތާބެހޭ ޝަރުޢީ އަދި އިދާރީކަންކަން އޮޅުން ފިލުވައި ނަފުސު ހޭލުންތެރިކުރުވުމަށް އެންމެތަކުންނަށް ގޮވާލަމެވެ." ޚުޠުބާގައި ގޮވައިލެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު