ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ރާއްޖޭގައި އެންމެ ފުރިހަމައަށް ތަރައްޤީވެފައި އޮތް ސިޓީއަކަށް، ލ. އަތޮޅު ފޮނަދުއާއި ގަން، ބަދަލުކޮށްދެއްވާނެކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިޞަލް މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިޚާބުގައި ކޮންގްރެސް ޕާޓީއަށް ލ. އަތޮޅުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަރަކާތެއްގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާބެހޭ ވަޒީރު ވިދާޅުވީ، އެމަނިކުފާނު އެންމެ ދެކެން ބޭނުންވާ އެއް ދުވަހަކީ، ރާއްޖޭގައި އެންމެ ފުރިހަމައަށް ތަރައްޤީވެފައި އޮތް ސިޓީއަކަށް ގަމާއި ފޮނަދޫ، ބަދަލުވާ ދުވަސް ކަމަށެވެ.
އެ ދެ ރަށް ސިޓީއަކަށް ބަދަލުކުރުމަށްޓަކައި ބޭނުންވާ ތަރައްޤީގެ ހުރިހާ ކަމެއް ސަރުކާރުން ޤާއިމުކުރައްވާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ. އެގޮތުން ހޮސްޕިޓަލްތަކާއި، ބޯހިޔާވަހިކަމާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމާއި، ޒުވާނުންނަށް ކުޅިވަރު ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ސަރުކާރުން ޤާއިމުކުރައްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ހައްދުންމަތީގައި ވަން އައިލެންޑް ކޮންސެޕްޓަށް 4 ރިސޯޓު ޤާއިމް ކުރެއްވުމަށް މަސައްކަތް ކުރައްވަމުންދާކަމަށާއި، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭ ދުބާއީގެ އިންވެސްޓަރެއްގެ ކުންފުންޏަކާއެކު މަޝްވަރާކޮށް އެ އަތޮޅުން ރަށެއް ފަތުރުވެރިކަމަށް ކުއްޔަށް ދިނުމުމަށް ނިންމަވާފައިވާކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ލ. އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ގިނަ ކަންތައްތަކެއް ރާއްވަވާފައިވާކަން ފާހަގަކުރައްވަމުން، ދެމެހެއްޓެނިވި ގޮތެއްގައި ލ. އަތޮޅުގައި ފަތުރުވެރިކަން ހިންގުމަށް މިހާރުވެސް ބޭރުގެ އެކި އިންވެސްޓަރުންނާ މަޝްވަރާތައް ކުރައްވަމުން ގެންދަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ، ކައްދޫ އެއަރޕޯޓް ބައިނަލްއަޤުވާމީ އެއަރޕޯޓަކަށް ބަދަލުކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.