ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކުރުމަށް ފިޔަވަޅު އެޅުމަށް ކުރިއަށްގެންދާ ޕްރޮގްރާމް ވަރަށް އަވަހަށް ފަށާނެކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ. މާލީ ވަޒީރު މިހެން ވިދާޅުވީ ދައުލަތުގެ މިޑިޔާ، “ޕީއެސްއެމް” ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.
ޑރ. ޝަފީގު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނިތައް ހިނގަމުންދަނީ އެންމެ ހަރުދަނާކޮށް ނޫން ކަމަށެވެ.
ރައްޔިތުންނަށް އަދި ސަރުކާރަށް ފައިދާވާ ގޮތަށް ހިންގާ ކުންފުނިތައް ނިސްބަތުން މަދުކަމަށާއި އެފަދަ ކުންފުނިތައް ރިފޯމްކުރުމަކީ ރައްޔިތުންވެސް ބޭނުންވާ ގޮތްކަމަށާއި، ކުންފުނިތައް ރިފޯމް ކުރުމުގެ މަސައްކަތުގެ ދަށުން ވަޒީރުންގެ މަޖިލީހަށް ކަރުދާހެއް ހުށަހަޅައި ފާސްވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މާލީ ވަޒީރު ވިދާޅުވީ އެސްއޯއީ ރިފޯމް ޕްރޮގްރާމަށް ތައްޔާރުވުމަށް ހަދަން ޖެހޭ ދިރާސާތައް ހަދައި ނިމިފައިވާ ކަމަށެވެ. އެ މަސައްކަތް ވަރަށް އަވަށް ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުންފުނިތަކުގެ އިތުރުން ދައުލަތުން ސަބްސިޑީ ދިނުން ވެސް ހައްލު ކުރަން ޖެހޭ ކަމަށާއި އެކަމަށްވެސް ރިފޯމް ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އާސަންދަވެސް މިހާރު އޮތްގޮތުން އިސްރާފު ބޮޑު ކަމަށާއި އެ ނިޒާމުވެސް އިސްލާހު ކުރުމަށް ސަރުކާރުން ބޭނުންވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ދައުލަތަށް ލިބޭ އާމްދަނީ ޚަރަދު ކުރަން ޖެހޭނީ ޒިންމާދާރު ކަމާއެކުގައި ކަމަށާއި އެހެންވެ ވީހާވެސް ބޮޑަށް އިސްރާފު ކުޑަކުރުމަށް އިސްކަން ދޭންޖެހޭކަމަށްވެސް މާލީ ވަޒީރު ޑރ.މުޙައްމަދު ޝަފީގު ވިދާޅުވިއެވެ.



