ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް، މާލީ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މިކަމާބެހޭ މަޝްވަރާތައް ބާއްވާފައިވަނީ މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު ސައުދީ އަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ފިނޭންސް މިނިސްޓަރާއެކު މި ބައްދަލުވުންތަކުގައި އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުފުޅަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބެންކުގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ވަނީ ބައިނަލްއަގްވާމީ އެކި މާލީ އިދާރާތަކުގެ ވެރިންނާއި ބައްދަލުކުރައްވައި، މުހިއްމު މަޝްވަރާތަކެއް ބާއްވަވާފައެވެ. އޭގެތެރޭގައި އޯޕެކް ފަންޑާއި ސައޫދީ ޑިވެލޮޕްމަންޓް ފަންޑާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު ހިމެނެއެެވެ.
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި އިސްލާމިކް ފައިނޭންސް ދާއިރާ އިތުރަށް ތަރައްޤީކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އިންސާނީ ވަސީލަތް ތަރައްޤީކޮށް، ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިއްމުކަމުގެ މައްޗަށްވެސް މި ބައްދަލުވުމުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.
#OPECFund President Dr. Abdulhamid Alkhalifa meets with HE Dr. Mohamed Shafeeq, Minister of Finance @MoFmv of #Maldives on the sidelines of #IsDBAM2024.
💡 #DYK that our cooperation with 🇲🇻 dates back to 1977? We've extended 24 project loans totaling US$229.60 million. pic.twitter.com/Gt8f2lPKaF— The OPEC Fund for International Development (@TheOPECFund) April 27, 2024
މިދަތުރުފުޅުގައި، ސަރުކާރުގެ ވަފްދުގެ ބޭފުޅުން ވަނީ އޯޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ރައީސްއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެ ފަންޑުގެ އެހީތެރިކަމާއެކު ހިންގާފައިވާ ކާމިޔާބު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އެހީތެރިކަން ފޯރުކޮށްދޭނެ ދާއިރާތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
އޯޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލްގެ އިތުރުން، ސައުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓުގެ ސީއީއޯ އަރިހަށްވެސް ސަރުކާރުގެ ވަފްދުގެ ބޭފުޅުން ޒިޔާރަތްކުރެއްވިއެވެ. މި ޒިޔާރަތުގައި ސައުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓުގެ އެހީގައި ކުރިއަށްދާ މަސައްކަތްތަކާއި ގުޅޭގޮތުންނާއި، ދެ ފަރާތުގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާތައް ބާއްވާފައެވެ.
ތަރައްޤީގެ ބިޔަ މަޝްރޫޢުތަކެއް ހިންގުމަށް ސަރުކާރުން ޕްލޭންތައް އެކަށައަޅާފައިވާއިރު، އޭގެތެރޭގައި ބައިނަލްއަޤްވާމީ އެއަރޕޯޓްތަކާއި އަރބަން ސެންޓަރުތަކާއި އިޤްތިޞާދު ފުޅާކުރުމާއި ގުޅޭ އެހެނިހެން ބިޔަ މަޝްރޫޢުތައް ހިމެނެއެވެ. އިޤްތިޞާދު ފުޅާކުރުމުގެ މަސައްކަތްތަކާއެކު އިޤްތިޞާދު ސިންދަފާތުކުރުމަށް އެކި ދާއިރާތަކުން އިންވެސްޓްމަންޓްތައް އިތުރުކުރުމަށްވެސް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.