Saturday, 15 June 2024

ފުލުހުންގެ ޗީފް އިންސްޕެކްޓަރަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޒިޔާދު، ސ. ނަމްބަރު 1272، (ކ.މާލެ / ވ.ނަސީމީމަންޒިލް) މިއަދުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ.

އޭނާ ނިޔާވުމާ ގުޅިގެން ފުލުހުން ނެރުނު ތައުޒިޔާގެ މެސެޖްގައި ޒިޔާދުގެ އާއިލާ އަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އާއި ފުލުހުންގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ވަނީ ތައުޒިޔާ ފޮނުވައިފައެވެ.

އެނގިފައިވާ ގޮތުގައި ޒިޔާދު ނިޔާވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. އޭނާ ގޭތެރެއަށް ވެއްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޒިޔާދުގެ މަރާ ގުޅޭ އެއްވެސް ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުންގެ ޚިދުމަތުން ހާމަކުރެއްވި ގޮތުގައި، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޒިޔާދު މެދުނުކެނޑި 26 އަހަރަށްވުރެ ދިގު މުއްދަތަކަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ޚިދުމަތް ކުރައްވާފައިވެއެވެ. އެގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސްގައި އުޅުއްވި އިރު ސެކިއުރިޓީ ޑިވިޜަން އާއި އެން.އެސް.އެސް ޓްރެއިނިންގ ޔުނިޓްގައި މަސައްކަތް ކުރައްވާފައިވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޕެޝަލް އޮޕަރޭޝަން ކޮމާންޑު، މެރިން ޕޮލިސް ޑިޕާރޓްމަންޓު، ޕޮލިސް އެކަޑަމީ އަދި ސައުތު ސެންޓްރަލް ޕޮލިސްގައި މަސައްކަތްކުރައްވައި، ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ.

އަދި ނިޔިާވިއިރު މަސައްކަތްކުރައްވަމުން ގެންދަވާފައިވަނީ ޕޮލިސް ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގައި ޑިއުޓީ އޮފިސަރެއްގެ މަގާމުގައެވެ.  ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ޒިޔާދުއަށް ލިބިލައްވާފައިވާ ކުލަ އަދި މެޑަލްތަކުގެ ތެރޭގައި ސުނާމީ ކާރިސާގެ މެޑަލް، ފުލުހުންގެ މެޑަލް، އަޚުލާޤީ ކުލަ 1، ފުލުހުންގެ ޚިދުމަތުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ، ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، ހާއްސަ ޚިދުމަތުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ، މިނިވަން ފަންސާހުގެ މެޑަލް، ޖުމްހޫރީ ފަންސާހުގެ މެޑަލް ހިމެނެއެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ޒިޔާދު ނިޔާވި އިރު ފިރިހެން ބޭފުޅަކާއި އަންހެން ދެ ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ. ނިޔާވިއިރު ޢުމުރަކީ 44 އަހަރެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު