މި ސަރުކާރުގެ 3 ވަޒީރަކަށް ރުހުން ނުދިނުމުން އަލުން އެ ތިން ވަޒީރުން މަގާމަށް އައްޔަން ކުރުމަށް ފަހު ރުހުން ހޯދުމަށް ސަރުކާރުން ފޮނުވާފައިވާ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ މައްސަލަ މިއަދުގެ ޖަލްސާއަށް ތަވާލު ކޮށްފައިވަނީ މިއަދު މެންދުރު 1:00 އަށެވެ.
ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އައްޔަނުކުރި 22 ވަޒީރުންގެ ތެރެއިން ތިން ވަޒީރަކަށް ރުހުން ނުދިނުމަށް، މި ހިނގަމުންދާ ދައުރުގައި އިދިކޮޅު އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ނިންމެވިއެވެ.
މަޖިލީހުން ރުހުން ނުދެއްވި ބޭފުޅުންނަކީ:
- ބަންޑާރަ ނައިބުގެ މަގާމަށް އަޙްމަދު އުޝާމް
- ހައުސިން މިނިސްޓަރުކަމަށް ޢަލީ ހައިދަރު
- އިސްލާމިކް މިނިސްޓަރުކަމަށް ޑރ މުޙައްމަދު ޝަހީމް ޢަލީ ސައީދު
މި ވަޒީރުންނަށް ރުހުން ނުދެއްވުމުން، ރައީސް ޑރ.މުއިއްޒު އަނެއްކާވެސް ވަނީ އެ ތިން ބޭފުޅުން ހަމަ އެ މަޤާމުތަކަށް އައްޔަނުކުރައްވާފައެވެ. އެވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވި ފަހުން، އެ މައްސަލަ ވަނީ ދިގުލައިގެން ގޮސްފައެވެ.
ހައިދަރު، ޝަހީމް އަދި އުޝާމްއަށް ރުހުން ހޯދަން އަނެއްކާވެސް މަޖިލީހަށް ހުށަހަޅުއްވައިފި
ރައީސް މުއިއްޒުގެ ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީއާއި ދަ ޑިމޮކްރެޓިސްއިން ނިންމުމާއި ގުޅިގެން ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަދި ޕީޕީއެމްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ޤާނޫނީ ގޮތުން ރައްޔިތުން އިންތިޚާބު ކުރައްވާފައި ހުންނަވާ ބޭފުޅަކު، އެމަނިކުފާނުގެ ސިޔާސަތުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކޮށް ހިންގެވުމަށްމަށް ބޭނުންވާ ވުޒާރާތަކާއި، އިދާރަތައް އުފެއްދެވުމާއި، އެ ވުޒާރަތަކާއި، އިދާރަތައް ހިންގެވެމުމަށް ޤާބިލު ބޭފުޅުން ޢައްޔަން ކުރެއްވުން އެއީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއްކަމަށް ޕާޓީއިން ބުނެފައިވެއެވެ.
ރުހުން ނުދޭން ނިންމި ވަޒީރުން އަލުން އައްޔަންކޮށް، ނަން ނުފޮނުވޭނެކަމަށް ލަފާ ލިބިފައިވޭ: އެމްޑީޕީ
ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވާފައިވާ ތަސައްވުރާއި، އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަގޮތުގައި ތަންފީޒު ކުރައްވުމުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެބޭފުޅުން ކުރައްވާނެ ކަމާމެދުވެސް އެ ކޯލިޝަނުން އެއްވެސް ޝައްކެއް ނުކުރާކަމަށްވެއެވެ. އަދި އެބޭފުޅުންނަށް އެ ކޯލިޝަންގެ ފުރިހަމަ އިތުބާރު އޮތްކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.