ސްޓޫޑެންޓް ލޯނަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި ކަމަށް ރޭ އޮތް އަހާ ފޯރަމުގައި އިޢުލާނުކުރައްވައިފިއެވެ.
ރޭ ބޭއްވި އަހާ ފޯރަމްގެ ތެރެއިން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ މަރްޔަމް މާރިޔާ މިކަން އިޢުލާންކުރެއްވީ ފޯރަމުގެ ބައިވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އޭނާގެ ސުވާލަށް ޖަވާބު ދެއްވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ މަރްޔަމް މާރިޔާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ސްޓޫޑެންޓް ލޯނުގެ ކަންކަން ވީހާވެސް ފަސޭހަކޮށްދީ، މަތީ ތަޢުލީމަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހުރި ދަތިތަކަށް ހައްލު ހޯދައިދިނުންކަމަށެވެ.
ވަޒީރު ވިދާޅުވީ ސްޓޫޑެންޓް ލޯނަށް މިބުރުގައި ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދޫކުރާގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމުގައެވެ.
Minister of Higher Education, @drmaryammariya has just announced HEP's decision to nominate all students who meet the requirements for the Higher Education loan pic.twitter.com/mf3HO83LD7
— Min. of Higher Edu, Labour and Skills Development (@MoHEmv) April 29, 2024
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހުޅުވާލެއްވި ފުރަތަމަ ސްޓޫޑެންޓް ލޯނަށް، ކުރިމަތިލުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލީ މިދިޔަ ފެބްރުއަރީމަހުގެ 29 ވަނަ ދުވަހުއެވެ.
މިހާރު ހުޅުވާލާފައިވާ ލޯން ސްކީމުގެ ސުންގަޑި އަންނަމަހުގެ 2 ގެ ނިޔަލަށް ސަރުކާރުން ވަނީ އިތުރުކޮށްދެއްވާފައެވެ. މި ލޯން ސްކީމްގެ ދަށުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް އޭރު ހުޅުވާލީ 500 ފުރުޞަތަށެވެ.
ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު މޭ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް
މިފަހަރުގެ ލޯން ސްކީމްގައިވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޖާގަތަކެއް ޚާއްސަކޮށްފައިވާއިރު، އެކުދިންގެ ހާލަތަށް ރިޢާޔަތްކޮށް ކޯސް ފުރިހަމަ ކުރުމަށް ބޭނުންވާ ޚަރަދުތައް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އަދި މިހާރުވެސް ކޯހުގައި ކިޔަވަމުންދާ ދަރިވަރުން ކުރަންޖެހޭ އެހެނިހެން ޚަރަދުތައް ކުރުމަށްވެސް މިފަހަރުގެ ލޯން ސްކީމްގެ ތެރެއިން ފުރުޞަތު ދެއްވާނެކަމަށާއި، ހިލޭ ޑިގްރީގައި ކިޔަވަމުންދާ ދަރިވަރުންވެސް އިތުރު ޚަރަދުތައް ހަމަޖެއްސުމަށް ލޯނަށް އެދެވޭނެކަމަށް މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ އަލަށް ކިޔަވަން ފަށަން ބޭނުންވާ ދާއިރާތަކުން 370 ފުރުޞަތު ޚާއްސަކޮށްފައިވެއެވެ. އަދި ކިޔަވަމުންދާ ކެޓަގަރީއަށް ޚާއްސަކޮށްފައިވަނީ 130 ފުރުޞަތެވެ.