އެސްޓީއޯ އަށް 4.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއަށް 4.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެސްޓީއޯގެ ވެބްސައިޓުގައި އާންމުކުރައްވާފައިވާ މާލީ ތަފާސްހިސާބަށް ބަލާއިރު، އެސްޓީއޯއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީއަކީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 12 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯ އަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 4.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެސްޓީއޯއަށް އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ވިއްކާފައިވާ ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުންގެންދާ އެހެނިހެން ވިޔަފާރި ރަނގަޅު ވެފައިވުމެވެ.

އެކުންފުނީގެ އާމްދަނީ އިތުރުވުމާއެކު ފައިދާގެ ގޮތުގައިވަނީ 617 މިލިއަން ރުފިޔާ ވަނީ ކުންފުންޏަށް ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާ ބަލާއިރު 18 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 308 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 19 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯގެ ވެބްސައިޓުގައި އާންމުކުރައްވާފައިވާ މާލީ ތަފާސްހިސާބަށް ބަލާއިރު، ޓެކްސްއަށް ކެނޑުމުގެ މިދިޔަ އެކުއާޓަރުގެ ސާފު ފައިދާއަކީ 235 މިލިއަން ރުފިޔާއެވެ.

ތަފާސްހިސާބަށް ބަލާއިރު، މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލައި 46 އިންސައްތައިގެ ކުރިއެރުމެކެވެ. އެކުންފުނިން ވިދާޅުވާ ގޮތުގައި، މީގެ މައިގަނޑު ސަބަބަކީވެސް ކުންފުނިން ކުރަމުންގެންދާ ވިޔަފާރިތައް ރަނގަޅުކުރެވި ޖުމްލަ ފައިދާ އިތުރުކުރެވިފައި ވުމާއިއެކު، ހިންގުމުގެ ހަރަދު ކުޑަކުރުމެވެ. އަދި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި ވަނީ 195 މިލިއަން ރުފިޔާ ލިބިފައެވެ.

ސަރުކާރުން ހިންގާ ވިޔަފާރީގެ މައި ކުންފުނި، އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގިނަ ވިޔަފާރިތަކެއް ހިންގާ ކުންފުންޏެކެވެ. އެގޮތުން ތެލާއި ބޭހާއި އަދި ކޮންސްޓްރަކްޝަން ސާމާނުގެ އިތުރުން ކެއިން ބުއިމުގެ ބާވަތްތަކުގެ ވިޔަފާރިވެސް އެކުންފުނިން ކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު