25 ޖަނަވަރީ 2025

އެމްޓީސީސީ އަށް 664 މިލިއަން ރުފިޔާގެ އާމްދަނީއެއް

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި 664 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

އެމްޓީސީސީން އާއްމުކުރައްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެމްޓީސީސީއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި 789.22 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 664.44 މިލިއަން ރުފިޔާއެވެ. އަދި ފައިދާގެ ގޮތުގައި ލިބިފައިވަނީ 5.24 މިލިއަން ރުފިޔާއެވެ.

އެމްޓީސީސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވަނީ 41.77 މިލިއަން ރުފިޔާ އެވެ. މި މުއްދަތުގެ ތެރޭގައި ޓެކްސްއަށް ކެނޑުމަށްފަހު އެމްޓީސީސީއަށް ލިބިފައިވާ ސާފު ފައިދާއަކީ 6.17 މިލިއަން ރުފިޔާއެވެ. މިއީ މި މުއްދަތުގައި ލިބޭނެކަމަށް އެ ކުންފުނިން އަންދާޒާކޮށްފައިވާ އަދަދަށްވުރެ ދަށް އަދަދެކެވެ.

އެމްޓީސީސީއިން ވިދާޅުވި ގޮތުގައި، ފުރަތަމަ ކުއާޓަރުގައި ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ ލިބިފައިވާ އާމްދަނީ ދަށްވެފައިވާ ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމެވެ.

އެމްޓީސީސީއިން ވިދާޅުވި ގޮތުގައި، ހާއްސަކޮށް ތެލުގެ އަގު އުފުލުމާއި، ބޭރުފައިސާ ހޯދުމަށް ކުންފުނިން ކުރަންޖެހުނު ޚަރަދު އިތުރުވުމާއި ގުޅިގެން ކުންފުނީގެ ސަޕްލައިޗޭނަށް ދިމާވި ނޭދެވޭ އަސަރުގެ ސަބަބުން އާމްދަނީ މަދުވެފައިވެއެވެ. ނަމަވެސް މިކަމަށް ކުންފުނީގެ މެނޭޖްމަންޓުން ހަރުދަނާ ފިޔަވަޅުތަކެއް އެޅިކަން ވަނީ ފާހަގަކޮށްފައެވެ.

އެކުންފުނީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އެމްޓީސީސީން އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ވަނީ ހިންގާފައެވެ. އެގޮތުން އެކި މަރުހަލާތަކުގައި ޖުމްލަ 196 މަޝްރޫއެއްގެ މަސައްކަތް ކުންފުނިން ކުރަމުންދެއެވެ. ނިމުނު ކުއާޓަރުގައި 3 މަޝްރޫއެއްގެ މަސައްކަތް ނިންމާލާފައިވާއިރު، 8 މަޝްރޫއެއްގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި އައު 6 މަޝްރޫއެއްގެ މަސައްކަތް މި ކުއާޓަރަގައި އެމްޓީސީސީއާ ހަވާލުކޮށްފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު