އެންމެ ކުޑަ އުޖޫރަ ކަނޑައެޅިޔަސް މަސައްކަތްތެރިންގެ ހާލަތު ބަދަލެއް ނުވޭ

މަސައްކަތްތެރިންނަށް އެކަށީގެންވާ މުސާރައެއް ފޯރުކޮށް ދިނުމަށް، އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅާފައިވީ ނަމަވެސް، މަސައްކަތްތެރިންގެ ހާލަތަށް އެންމެ އެކަށީގެންވާ ހެޔޮ ބަދަލެއައިސްފައި ނުވާ ކަމަށް މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) އިން ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީގޮތުން ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ވަނީ ރާއްޖެއަކީވެސް އެކަށީގެންވާ މުސާރައެއް މަސައްކަތްތެރިންނަށް ލިބި ނުދެވޭ، މަސައްކަތުގެ މާހައުލަށް އެކަށީގެންވާ ހެޔޮ ބަދަލުތައް އައިސްފައި ނުވާ ގައުމެއް ކަމަށެވެ.

އެ ޖަމިއްޔާގެ ބަޔާނުގައި ވަނީ، އެންމެ ކުޑަ އުޖޫރައެއް ގާނޫނުން ކަނޑައަޅާފައި އޮތް ނަމަވެސް އެކަން އެންމެ އެކަށީގެންވާ ގޮތުގައި ތަންފީޒު ނުކުރެވޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ވަޒީފާތަކުގައި އަދިވެސް، ބައެއް އޮފީސްތަކުގެ ވެރީންގެ ގޮތުގައިވެސް ބިދޭސީން މަސައްކަތް ކުރަމުންދާ ދިއުމާއި، ރިސޯޓުތަކުގައި މަސައްކުރަމުންދާ އެތައް ހާސް މުވައްޒިފުންގެ ކެއުމާއި، ބުއިމާއި، އެކަމަޑޭޝަނާއި، އެމީހުންނަށް ސަރވިސް ޗާރޖު ލިބިދިނުންފަދަ އެތައް ކަމެއްގައި އަދިވެސް ބޮޑެތި އިހުމާލްތައް ހުރިކަމުގެ ޝަކުވާތައް ގިނަކަމަށް އެމްޓީއޭއިން ވަނީ ބުނެފައެވެ.

މިއާއެކު، ބައެއްކަހަލަ މަގާމުތަކުގައި ތަޢުލީމާއި ތަޖުރިބާއާއި އެކަށީގެންނުވާ ވަރުގެ ބޮޑެތި މުސާރަތައް ދެމުން ދިއުމުގެ ސަބަބުން އިޖުތިމާއީ އިންސާފު ގެއްލިގެން ގޮސްފައިވާކަމަށް ވެސް ބަޔާނުގައި ވެއެވެ.

އަދި، މަސައްކަތްތެރިންނާމެދު ބޮޑެތި އިހުމާލުތައް ހުރިއިރު، މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތު ކުރުމުގެ ބަދަލުގައި ސިޔާސީ ފަރާތްތަކުން އެފަރާތްތަކުގެ ސިޔާސީ މަސްލަހަތު އެކަނި އިސްކޮށް، މަސައްކަތްތެރިންގެ ގުރުބާނީތަކުގެ މަތިން ހަނދާން ނައްތާލާއިގެން ތިބޭ ތިބުމަކީ މިފަދަ ދުވަހެއްގައި ފާހަގަކުރަންޖެހޭ ކަމެއްކަމަށް ވެސް ބުނެފައިވެއެވެ.

ޓްރޭޑް އެސޯސިއޭޝަނުން ވަނީ ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމައަށް ރައްކާތެރިކޮށްދީ، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި މަސައްކަތްތެރިންނަށް ހައްގުވާ މުސާރަ ކަށަވަރު ކޮށްދިނުމަށް ދައުލަތަށާއި، ވަޒީފާ ދޭ ފަރާތްތަކަށް ގޮވާލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ