ސިނާއީ ބޭނުމަށް ތިލަފުށީގެ 1 ވަނަ ފިޔަވައްސާއި 2 ވަނަ ފިޔަވަހިން ހަމައެކަނި ދިވެހިންނަށް ބިން ވިއްކަން އެޗްޑީސީ އިން ހުޅުވާލައިފިއެވެ.
އެޗްޑީސީ އިން ވިދާޅުވި ގޮތުގައި، ތިލަފުށީގެ 1 ވަނަ ފިޔަވައްސާއި 2 ވަނަ ފިޔަވަހިން ސިނާއީ ބޭނުމަށް ކަނޑައަޅާފައިވާ ބިން ވިއްކުމަށް ހުޅުވާލައިފިއެވެ. ސިނާއީ މަސައްކަތްތަކަށް ހާއްސަކޮށް ދޫކުރުމަށް ކަނޑައަޅާފައިވާ މި ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ދިވެހިންނަށެވެ. މިގޮތުން ތިލަފުށިން ބިން ގަތުމުގެ ފުރުސަތު ދިވެހި އަމިއްލަ ފަރާތްތަށާއި ކުންފުނިތަކަށް ވަނީ ހުޅުވާލެވިފައެވެ.
ތިލަފުށީގެ 2 ވަނަ ފިޔަވަހީގެ ބިން ވިއްކުމަށް ހުޅުވާލުން
ހަމައެކަނި ދިވެހިންނަށް ހުޅުވާލައިގެން ތިލަފުށީގެ 2 ވަނަ ފިޔަވަހިން ސިނާއީ ބޭނުންތަކަށް ބީލަމުގެ އުސޫލުން ބިން ވިއްކުމަށް މިއަދު ވަނީ އެޗްޑީސީ އިން ހުޅުވާލާފައެވެ. އެގޮތުން ބީލަމުގެ އުސޫލުން ވިއްކުމަށް ހަމަޖެހިފައި ވަނީ ތިލަފުށީ ޒޯން އޭ ގެ އޭރިޔާ ބީ ގައި މިހާތަނަށް ނުވިކިހުރި ބިންތަކެއް ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.
ބީލަމުގެ އުސޫލުން ބިން ވިއްކުމަށް މިއަދު ހުޅުވާލި ފުރުސަތުގައި ވިޔަފާރީގެ އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ ޖުމުލަ 108 ބިން ވިއްކުމަށް ކަނޑައަޅާފައިވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ:
ބިމުގެ ބޮޑުމިން (އަކަފޫޓް)
ޓައިޕް 1
ބިމުގެ ބޮޑުމިން (އަކަފޫޓް): 4999 – 2500
ބިމުގެ އަދަދު: 64
ޓައިޕް 2
ބިމުގެ ބޮޑުމިން (އަކަފޫޓް): 9999 – 5000
ބިމުގެ އަދަދު: 42
ޓައިޕް 3
ބިމުގެ ބޮޑުމިން (އަކަފޫޓް): 10000 – 14999
ބިމުގެ އަދަދު: 2
ތިލަފުށީގެ ބިން ވިއްކުން ކުރިއަށް ގެންދަނީ 2 މަރުހަލާ އަކަށް ބަހާލައިގެން ކަމަށާއި، ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ އޯ އައި) ހުށަހެޅުން ކަމަށާއި، ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީ އޯ އައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުން ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.
ސިނާއީ ބޭނުމަށް ތިލަފުށިން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށް ވެސް ވަނީ ހުޅުވާލާފައެވެ. އަދި ބީލަން ހުށަހެޅޭ އެންމެ ކުޑަ އަގަކީ 1700 (އެއް ހާސް ހަތް ސަތޭކަ ރުފިޔާ) އެވެ.
ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ބިން ގަތުމަށް އެދި އެ ކޯޕަރޭޝަންގެ ބިޑް ޕޯޓަލް (https://bids.hdc.mv) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެ ކޯޕަރޭޝަނުން އެދެއެވެ. ނުވަތަ އެ ކޯޕަރޭޝަންގެ އީމެއިލް [email protected] މެދުވެރިކޮށް ވެސް އެޕްލިކޭޝަން ހުށަހެޅޭނެ އިންތިޒާމްވަނީ ހަމަޖައްސަވާފައެވެ.
ތިލަފުށީގެ 1 ވަނަ ފިޔަވަހިން މިހާރު ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް ބިން މިލްކުކުރުމުގެ ފުރުސަތު ހުޅުވާލުން
މީގެ އިތުރުން، ތިލަފުށީގެ 1 ވަނަ ފިޔަވަހިން ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް، ބިން މިލްކުކުރެވޭގޮތަށް ބިން ގަތުމުގެ ފުރުސަތުވެސް އެޗްޑީސީއިން މިހާރު ވަނީ ހުޅުވާލާފައެވެ. މިގޮތުން ބިން ގަތުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ތިލަފުށީގެ ފުރަތަމަ ފިޔަވަހިން 5،000 އަކަފޫޓު ނުވަތަ އެއަށް ވުރެ ބޮޑެތި ބިން ކުޔަށް ނަގާފައިވާ ފަރާތްތަކަށް ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ. އެހެންކަމުން، ތިލަފުށީގެ 1 ވަނަ ފިޔަވަހިން ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެވުމަށްފަހު [email protected] އަށް އީމެލް ކުރެއްވުމަށް އެ ކޯޕަރޭޝަނުން އެދެއެވެ.
ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުތައި ތަރައްގީކުރާ މައި މަރުކަޒެވެ. ސިނާއީ އެތައް މަސައްކަތެއް ކުރަމުންދާ އެރަށުގައި ސިމެންތި ބަންދުކުރުމާއި، ގޭސް ފުޅިތަކަށް އެޅުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް ކުރަމުން ދެއެވެ.
އަދި ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމާ އެކު، މުދާ ކްލިއަރ ކުރުމާއި ގުދަން ކުރުމަށް އަދި މުދާ މާލެއާއި ރަށްތަކަށް ސަޕްލައިކުރުމުގައި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ.
މީގެ އިތުރުން މިހާރު ކުރިއަށް ދާ ތިލަ-މާލެ ބްރިޖް މެދުވެރިކޮށް ތިލަފުއްޓާއި މާލެ ގުޅުވާލުމުން ވިޔަފާރި މުދާ އުފުލުމުގައި ލުއިފަސޭހަވެ، މުދާ ސަޕްލައި ކުރުމަށް ހޭދަވާ ވަގުތު ކުޑަވެގެންދާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ފާހަގަކުރައްވައެވެ.
ތިލަފުށްޓަކީ ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ގެނެސްދިނުމުގެ ބޭނުމުގައި ޒަމާނީ ފެނަވަރަށް ތަރައްގީ ކުރެވެމުން އަނަން ރަށެކެވެ. އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ލިބެންހުރި ވަސީލަތްތައް ބޭނުންހިފޭނެ މަގު ތަނަވަސްކޮށްދީ، ރައްޔިތުންނަށް މިކަމުން ލިބެން ހުރި ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށެވެ.