ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް ހުޅުވާލި ފުރުސަތުގެ ތެރޭގައި 1700 އަށް ވުރެ ގިނަ ދަރިވަރުން ލޯނަށް އެދި ފޯމް ހުށަހަޅާފައިވާކަން މަތީ ތަޢުލީމާއި މަސައްކަތްރިކަމާއި ހުނަރު ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އެ ވުޒާރާއިން ވިދާޅުވީ، މިދިޔަ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު ހުޅުވާލި ފުރުޞަތުގެ ސުންގަޑި މިއަދު މެންދުރު 13:30 އާ ހަމައަށް ހަމަވެފައިވެފައިވާކަމަށާއި، ސުންގަޑި ހަމަވިއިރު 1709 އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ. އެ ވުޒާރާއިން ވިދާޅުވީ ދެން އޮންނާނީ ލިބުނު އެޕްލިކޭޝަންތައް ބަލައި ޗެކް ކުރުން ކަމަށެވެ.
މިއަހަރު މަތީ ތަޢުލީމުގެ ލޯނަށް 1700 އަށް ވުރެ ގިނަ ދަރިވަރުން ކުރިމަތިލާފައިވާއިރު ސަރުކާރުން ފުރަތަމަ ހުޅުވާލީ 500 ޖާގަ ދިނުމަށެވެ. ނަމަވެސް މިހަފްތާގެ ހޯމަ ދުވަހު ސަރުކާރުގެ ވަޒީރުންގެ ސުވާލުކުރުމަށް ރައްޔިތުންނަށް ފުރުސަތު ދިނުމަށް ބާއްވަމުންދާ އަހާ ފޯރަމުގެ ތެރެއިން، ވަނީ ސްޓޫޑެންޓް ލޯނު ޝަރުތުހަމަވާ އެންމެންނަށް ދިނުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވާފައިވާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
އެ ވުޒާރާއިން މީގެ ކުރިން ހާމަކުރައްވާފައިވާ ގޮތުގައި، މި ލޯނު ސްކީމްގެ ދަށުން އެ ދަރިވަރަކު ބޭނުން ޤައުމަކަށް ކިޔަވަންދެވޭނެއެވެ. އަދި ލޯނު ނަގައިގެން ކިޔެވުމުގެ ފުރުޞަތު ދެނީ ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށް ޚާއްސަކޮށްގެންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ހިމެނޭގޮތަށް އިމާރާތް ކުރުމުގެ ދާއިރާއާއި އޭވިއޭޝަންގެ ދާއިރާއާއި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ޤައުމަށް ކޮންމެހެން ބޭނުންވާ ދާއިރާތަކަށް ޚާއްސަކޮށްފައިވާކަން ވަޒީރު މީގެ ކުރިން ވަނީ ފާހަގަކުރައްވާފައެވެ.
ގުޅުންހުރި:
ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުދޫކުރުމަށް ސަރުކާރުން ނިންމަވައިފި