ވަރިކުރުމުގެ ބާރު ފިރިމީހާއަށް ދީފައިވަނީ ބޭނުންވާ ކޮންމެ ވަގުތަކު އަނބިމީހާއަށް އެބަހުން އިންޒާރު ދިނުމަކަށް ނޫން: ޚުޠުބާ

އިސްލާމް ދީނުގައި ވަރިކުރުމުގެ ބާރު ފިރިމީހާއަށް ދީފައިވަނީ ބޭނުންވާ ކޮންމެ ވަގުތަކު އަނބިމީހާއަށް އެބަހުން އިންޒާރު ދިނުމަކަށް މިއަދު ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ދުވަހުގެ ޚުޠުބާގައި ވިދާޅުވީ، ކައިވެންޏަކީ މާތް الله ދެއްވާ ނިޢުމަތެއް ކަމަށާއި، އެކަލާނގެ އަޅުތަކުންނަށް ލައްވާ ރަޙުމަތެއް ކަމުގައެވެ.

"އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ހެތްކެކެވެ. އެކަލާނގެ ރަޙުމަތްވަންތަކަމުގެ ތެރޭގައި، މުނާސަބު ގޮތެއްގައި އަންހެން ޖިންސު ހެއްދެވިއެވެ. އެއީ އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަމާއި، ލޯތްބާއި، އޯގާވެރިކަން ލިބިގަތުމަށެވެ. ފިރިހެނަކު އަންހެނަކާ ކައިވެނި ކުރާނީ އެ އަންހެން މީހާ ދެކެވާ ލޯބިން ނުވަތަ ހިތުގައި އުފެދޭ ކުލުނެއްގެ ސަބަބުން، ނުވަތަ އެއަންހެން މީހާގެ ފަރާތުން ދަރިންލިބުމަށް އެދިގެންނެވެ. މިކަންކަމުގައި ވިސްނާ ފިކުރުކުރާ ބަޔަކަށް ޢިބުރަތްތަކެއް ވެއެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ، އިންސާނީ ދަރިފަސްކޮޅު ގުޅުވައިދޭ އެންމެ ވަރުގަދަ ގުޅުވުމަކީ ކައިވެނީގެ ގުޅުން ކަމުގައެވެ.

ބައެއް ފިރިން އަނބިމީހާގެ ބޯމައްޗަށް ދިއްކުރާ ހަތިޔާރަކަށް "ވަރި" ހަދައި، ހުރިހާ ހިނދެއްގައި އަނބިންނަށް އިންޒާރު ދެމުން ގެންދާ ކަން ފާހަގަކުރައްވަމުން ކަނބުލޭގެ މިވެނިކަމެއް ކޮށްފިނަމަ، އަދި މިވެނިކަމެއް ދޫކޮށްލައިފިނަމަ ނުވަތަ މިވެނިތަނަކަށް ގޮސްފިނަމަ ތިއިނީ ވަރިކޮށްފައޭ، ބުނާ ކަމަށާއި، މީގެ އިތުރަށް މައިންބަފައިންނާއި ވާހަކަ ދައްކާ އެ މީހުން ދިރިއުޅޭ ތަނަކަށް ގޮސްފިނަމަ ތިއިނީ ވަރިކޮށްފައޭ ބުނާ ކަމަށާއި، މިގޮތުން މަޖަލަކަށް ބުނާ ބަސްބަހުންނާއި އޮޅުވާލުމަށް ބުނާ ބަސްތަކުންނާއި އެނޫން ވެސް ގޮތްގޮތަށް ވަރިކުރާ ކަމުގައި ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

"އިސްލާމް ދީނުގައި ވަރިކުރުމުގެ ބާރު ފިރިމީހާއަށް ދީފައިވަނީ ބޭނުންވާ ކޮންމެ ވަގުތަކު އަނބިމީހާއަށް އެބަހުން އިންޒާރު ދިނުމަކަށް ނޫނެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، ފާއިތުވީ ތިން އަހަރުގެ ތެރޭގައި ފެމެލީ ކޯޓަށް ވަރިވުމަށް އެދި ތިން ހާސް އަށްސަތޭކަ ވިހި ވަރި ހުށަހަޅާފައިވެއެވެ. ދެހާސް އެކާވީހު ގައި އެގާރަ ސަތޭކަ ނުވަދިހަ ތިންވަރި، ދެހާސް ބާވީހުގައި ތޭރަ ސަތޭކަ ސާޅީސް ހަ ވަރި، ދެހާސް ތޭވީހުގައި ބާރަ ސަތޭކަ އައްޑިހަ އެއްވަރި ރަޖިސްޓްރީ ކުރެވިފައިވާކަމަށް ފެމެލީ ކޯޓުގެ މަޢުލޫމާތުތަކުން ދައްކައެވެ.

މި މަޢުލޫމާތުތަކުން އެނގޭގޮތުގައި ޢާންމުކޮށް ވަރިކުރުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ލޯތްބާއި އޯގާތެރިކަން ކުޑަވުމާއި، ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމާއި، ޒުވާބު ކުރުމާއި، ތަޅައި އަނިޔާ ކުރުމާއި، މަސްތުވާތަކެތި ބޭނުން ކުރުމާއި، ޝައްކު ކުރުމާއި، އިތުބާރު ނުކުރުމާއި، ޒިންމާދާރުކަން ކުޑަވުމާއި، މިޒާޖު ތަފާތުވުމާއި، ދޮގުވާހަކަތައް ދައްކައި ބަދުނާމު ކުރުމާއި، ޢާއިލީ ގުޅުންތައް ނުބޭއްވުމާއި، ދީނީ ކަންކަމަށް ފަރުވާ ކުޑަކުރުމާއި، ޙައްޤުތައް ބަރާބަރަށް އަދާނުކުރުމާއި، ޤަވާޢިދުން ޚަރަދު ނުކުރުމާއި، ދަރިން ކުރިމަތީގައި ތަޅައި އަނިޔާކުރުން ހިމެނޭ ކަމަށް ވިދާޅުވެ، ހުކުރު ޚުޠުބާގައި މިކަމަށް ސަމާލުކަމަށް ގެންނެވިއެވެ.

"ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުގައި  ވަރަށް ތާކުންތާކު ނުޖެހޭ ސަބަބުތަކުގައި ބައެއް ފަހަރަށް ޢާއިލީ ގުޅުމުގައި ނިމުމުގެ ސިއްކަ ޖެހިފައިވެއެވެ. ދެމަފިރިންގެ މެދުގައި މައްސަލަ ޖެހި، ޚިޔާލު ތަފާތުވުން އުފެދޭ ޙާލަތުގައި، ކެތްތެރިވެ ރުޅީގެ މައްޗަށް ބުއްދި އިސްކޮށް ނަބަވީ އިރުޝާދުގައި ބަޔާން ކޮށްފައިވާ ގޮތަށް ޢަމަލު ކުރުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ބައެއް މީހުން ދެމަފިރިންގެ މެދުގައި ފިތުނައިގެ އަލިފާން ރޯކުރާ ކަމަށާއި، މުސްލިމުންގެ ގޯތި ގެދޮރު ހަލާކުކޮށް، ދެމަފިރިން ދެމެދު ފަސާދަ ކުރާ ކަމަށާއި، މިކަމުގެ ސަބަބުން ޢާއިލާތައް ބިކަވެ މައިން ބަފައިންގެ ލޯބިން ދަރިން، މަޙްރޫމުވާ ކަމަށް ޚުޠުބާގައި އަލިއަޅުވާލެއްވިއެވެ.

"ދެމަފިރިންގެ މެދުގައި މައްސަލައެއް އުފެދިއްޖެނަމަ އެ މައްސަލައެއް ޙައްލު ކުރާނީ އެދެމަފިރިންނެވެ. ނުވަތަ  ދެމަފިރިން އިތުބާރުކުރާ މީހަކާ މަޝްވަރާ ކޮށްގެންނެވެ." ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

ދެމަފިރިންގެ މެދުގައި ގުޅުން ގޯސްވެ އެއްވެސް ޙައްލެއް ނުފެނިއްޖެނަމަ، ވަރި ހުއްދަވާނެ ކަމާމެދު ޝައްކެއް ނެތް ކަމަށާއި، ނަމަވެސް އަނބިމީހާ ބޭނުމެއް ނެތި ވަރިއަށް އެދުމަކީ ދީނުގައި ނަހީ ކުރައްވާފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

"ވަރިއަކީ ދަރިން ބިކަވެ، ތަރުބިއްޔަތު ނުކުރެވި، މަގުމަތިވެ މަގުން ކަސިޔާރުވުމުގެ ސަބަބެކެވެ. ވަރިވުމާއެކު ޢާއިލީ ގުޅުންތައް ކެނޑި، ހިތްތަކުގައި ނުރުހުން އުފެދި، ކޮންމެ މީހަކުވެސް އަނެކަކަށް ގެއްލުންދީ އޭނާގެ ކިބައިންބަދަލު ހިފުމަށް މަސައްކަތް ކުރެއެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ހަމައެކަނި އަންހެނުންގެ ވާހަކަ އަޑުއަހަެިގެން އިލްމީގޮތުން ހުތުބާ ނުލިޔެވޭނެ. ފިރިން އަސްލުއުޅެނީ ކޮންހާލެއްގަކަން ބަލާލިނަމަދޯ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު