ނޫސްވެރިންނަށް އަޅާލާ ސަރުކާރަކަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރު ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅުވައި އަދި ޕީއެސްއެމް ނިއުސްގެ 7 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ދައުލަތުގެ މީޑިޔާ، "ޕީއެސްއެމް ނިއުސް"އަށް ދެއްވި ޚާއްސަ ބަސްތީގަތުމެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ސަރުކާރަށް ނޫސްވެރިންގެ ހާލަތު ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، ރައިސުލްޖުމްހޫރިއްޔާ އިންތިޚާބު ވެވަޑައިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވާ ގާތްގުޅުމެއް އުފެއްދެވުމަށް މަސައްކަތް ކުރެއްވިކަމުގައެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކަށް ވާނީ ރައްޔިތުން އިތުބާރުކުރާ ސަރުކާރެއް ނޫސްވެރިންގެ ކަންކަމާއި މެދު އަޅާލުމަށް އޮތުން ކަމަށް ފާހަގަކުރައްވައި، ނޫސްވެރިންނާއި ދޭތެރޭ އަޅާލާ ސަރުކާރަކަށް ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރު ވެވަޑައިގަންނަވާނެކަމުގެ ޔަޤީން ނައިބު ރައީސް ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ނައިބު ވިދާޅުވީ، ޤާނޫނު އަސާސީގައި ލިޔެވިފައި ނެތަސް، ނޫސްވެރިކަމަކީ ޤައުމުގެ 4 ވަނަ ބާރު ކަމަށާއި، އެހެންކަމުން ނޫސްވެރިންނަށް މިއަދު ލިޔާ ޚަބަރުތަކަކީ ޒިންމާދާރުކަމާއިއެކު ލިޔެވޭ ތެދު ޚަބަރަށްވާން ޖެހޭ ކަމަށާއި، ޖަވާބުދާރީ ކުރަނިވި ގޮތަށް ޒިންމާދާރު ކުރަނިވި ގޮތަށް ޙަބަރުތައް ގެންނަން ޖެހޭ ކަމަށެވެ.
މިކަންކަން ހައްލުވަމުންދާ ވަރަކަށް ހެޔޮ ބަދަލުތަކެއް ފެނިގެންދާނެކަމަށް ރައިސުލްޖުމުހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓައި ކުރިއެރުވުމަށް މުހިންމު ވަޢުދުތަކެއް ވެވަޑައިގެންފައެވެ.