16 ފެބުރުވަރީ 2025
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ 5 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންނެވުން، ފޮޓޯ: ރައީސް އޮފީސް

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ އަހަރީ ޖަލްސާގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ 5 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންފިއެވެ.

މި ޙަފުލާ ބާއްވާފައިވަނީ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

ރޭގެ ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ އާ ލޯގޯ އިފުތިތާހު ކޮށްދެއްވާފައިވެއެވެ. އަދި މި ޙަފުލާގައި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް އިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، އެކި މަޝްރޫޢުތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ. އަދި މިހާރު ފަށާފައިވާ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތްތައް ބާރު ދުވެއްޔެއްގައި ނިންމުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ކުންފުނީގެ ފަރާތުން ޙިއްޞާކުރައްވާފައިވެއެވެ.

މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ "ކޮލިޓީ އެޝުއަރަންސް އެވޯޑު" ހާޞިލުކުރެއްވި ފަރާތަށާއި، "އައުޓްސްޓޭންޑިންގ ކޮންޓްރިބިއުޓަރ އެވޯޑު" ހާޞިލުކުރެއްވި ފަރާތަށް އެ އެވޯޑުތައް ހަވާލުކޮށްދެއްވާފައެވެ. ހަމަ އެއާއެކު އެ މަނިކުފާނު ވަނީ "އެމްޕްލޯއީ އޮފް ދަ އިޔަރ އެވޯޑު" ހާޞިލުކުރެއްވި ފަރާތަށް އެ އެވޯޑުވެސް ހަވާލުކޮށްދެއްވާފައެވެ.

ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 95 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2019 އިން، "ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވާފައިވަނީ 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 12 ވަނަ ދުވަހުއެވެ. 100 އިންސައްތަ ސަރުކާރު ޙިއްޞާވާ މި ކުންފުނީގެ މައިގަނޑު މަޤުޞަދަކީ، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އެއް ފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު