ޕީއެސްއެމް ނިއުސްގެ 7 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ދައުލަތުގެ މީޑިޔާ، "ޕީއެސްއެމް ނިއުސް"އަށް ދެއްވި ޚާއްސަ ބަސްތީގަތުމެއްގައި، ފޮޓޯ: ޕީއެސްއެމް

ނައިބު ރައީސް ވިދާޅުވަނީ ރައީސާއެކު އޮތީ އިތުބާރުގެ މައްޗަށް ބިނާވެފައިއޮތް ވަރަށް ގާތް ގުޅުމެއްކަމަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު އޮތީ އިތުބާރުގެ މައްޗަށް ބިނާވެފައިއޮތް ވަރަށް ގާތް ގުޅުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ ދައުލަތުގެ މީޑީޔާ ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަދައްކަވަމުންނެވެ.

ނައިބު ރައީސާއި ރައީސާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާކަމަށްބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅިގެން އެ ވާހަކަތަކަށް ޖަވާބު ދެއްވަމުން، ނައިބު ރައީސް ވިދާޅުވީ، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރަނިންމޭޓުކަން ދެއްވީ ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނަށް 100 އިންސައްތަ އިތުބާރުކުރައްވާތީ ކަމަށެވެ. އަދި އަމިއްލަ މަޤުޞަދެއް ނުވަތަ ސިޔާސީ މަޤުޞަދެއް ޙާސިލްކުރުމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަށް ކޮންމެހެން ރައްދު ދޭންނުޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"މިދިޔަ މަޖިލިސް އިންތިޚާބުގެ ކެންޕެއިން މެނޭޖަރުކަން ރައީސް ހަވާލުކުރެއްވީ އަޅުގަނޑާ. ވަރަށް ސާދާ ގުޅުމެއް ރައީސާއެކު އޮތީ. ދެ މީހުންވެސް މަސައްކަތްކުރަނީ ވަރަށް އިތުބާރާއެކީގައި." ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، އަބަދުވެސް މަސައްކަތްކުރާނީ ވަރަށް އިޚުލާސްތެރިކަމާއެކު މަޤާމުގެ ޒިންމާތަކަށް ތެދުވެރިވެގެން ކަމަށެވެ.

މި ބަސްދީގަތުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، އިތުރަށް ވިދާޅުވެފައިވަނީ، އެމަނިކުފާނަށް މިފަދަ ދުވަހެއްގައި ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އަދި ނޫސްވެރިންނަށާއި މުޖުތަމަޢުގެ އެހެން އަފުރާދުންނަށްވެސް ލިބޭނެ ހިތްހަމަޖެހުމަކީ ރައްޔިތުން އިތުބާރުކޮށްފައި ހޮވާ ސަރުކާރަކުން، އެ ރައްޔިތަކާ ދޭތެރޭގައި އަޅާލުން ގެންގުޅުން ކަމުގައެވެ. އަދި ސަރުކާރުން އަބަދުވެސް ނޫސްވެރިންގެ ޚިދުމަތުގެ އަގުވަޒަންކުރާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު