ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގަތް ގޮތަށް، މީޑިއާތަކަށް ހާއްސަކޮށްގެން މާލެ ސަރަހައްދުގައި ތަރައްޤީކުރާ މީޑިއާ ވިލެޖު އަޅާނެ ބިން ކަނޑައަޅައިފިއެވެ.
މީޑިއާތަކަށް ހުޅުމާލެ އިން ބިމެއް ހަމަޖެއްސިކަން އިއުލާންކުރެއްވީ، ޕީއެސްއެމްގެ އަހަރީ ދުވަހާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދެއްވި އިންޓަވިއުއެއްގަ އެވެ.
ނައިބު ރައީސް ވިދާޅުވީ، މި ސަރުކާރަކީ ނޫސްވެރިންނާ ގާތުން މަސައްކަތް ކުރާނެ ސަރުކާރެއް ކަމަށާއި އިންތިގާލީ މަރުހަލާގައި ރައީސް އިސްނަންގަވައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައިވާ ކަމަށާއި، ނޫސްވެރިންގެ ހާލަތު ސަރުކާރަށް އެނގޭ ކަމަށާއި އެ މައްސަލަތައް ހައްލު ގެނައުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން މިކަމަށްޓަކައި ވަކި އުޞޫލެއް ކަނޑައަޅުއްވައި، ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއަށް ކުރެއްވި ފުރިހަމަ އިތުބާރާއެކުގައި ރައްޔިތުންގެ މަޖިލީހުގައި ލިބިގެންދިޔަ ސުޕަރ މެޖޯރިޓީއާއެކު، ފުރަތަމަ ފަހަރަށް ދަޢުލަތުން މީޑިއާތަކަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި މިންވަރު ފޯރުކޮށްދެވިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ހުޅުމާލެއިން މިހާރު ބިމެއް ހަމަޖައްސަވާފައިވާކަމަށާއި މީޑިއާތަކުން ބޭނުންވާގޮތަށް އެތަނުގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފެށިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ނޫސްވެރިންނަކީ ހަޤީޤަތުގައިވެސް ވަރަށް ބޮޑު ޒިންމާއެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅުންތަކެއް ކަމަށާއި، ރައްޔިތުންނާއި އެއިރެއްގައި އެ އޮންނަ ސަރުކާރަކާ، ނޫނީ ދަޢުލަތާވެސް ގުޅުވައިދެނީ ނޫސްވެރިން ކަމުގައި ވިދާޅުވިއެވެ. އަދި ޤައުމަށް ހެޔޮ ބަދަލު ގެނައުމަށްޓަކައި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންނާ ގާތުން މީޑިއާތަކާ ރައްޓެހި ސަރުކާރެއްގެ ގޮތުގައި ކަމުގައި ވިދާޅުވިއެވެ.
ނޫސްވެރިންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އަމިއްލަ މީޑިއާތަކުގެ ހަރަދު ދެކޮޅު ނުޖެހުމުގެ ސަބަބުން ހިންގުމަށް ހުރި ހުރަސްތައް ކަމަށާއި، ބޮޑު އަގުގައި އޮފީސްތައް ކުއްޔަށް ނަގައިގެން މަސައްކަތް ކުރުމަކީ ވެސް ދަތިކަމެއް ކަމަށް ވިދާޅުވި އެވެ.
އެކަމަށް ހައްލު ގެނައުމަށް މި ސަރުކާރުން ގާއިމްކުރާ މީޑިއާ ވިލެޖަށް ބިން ކަނޑައަޅައި މީޑިއާތަކުން ބޭނުންވާގޮތަށް އެތަނުގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ރައީސް މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި މީޑިޔާތައް އަމިއްލަ ފައިމައްޗާށް ތެދުވުމަށްޓަކައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދިނުމަށް ކަނޑަައަޅާފައިވާއިރު، މީޑިއާ ވިލެޖު ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގަތީ، އިންތިޚާބުވުމަށް ފަހު ނޫސްވެރިންނާ އެކު ބޭއްވި ގުންޒަރުގައެވެ.
މީޑިއާ ވިލެޖެއް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވީ ބޮޑު އަގުގައި ތަންތަން ކުއްޔަށް ހިފައިގެން އޮފީސް ހިންގަން ޖެހުމުން މީޑިއާތަކަށް މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމުގެ ކަންބޮޑުވުން މީޑިއާތަކުން ފާޅުކޮށްފައި ވާތީ އެވެ.