Wednesday, 19 June 2024

ކުޅިވަރުތައް ކުރިއެރުވުމަށް އެސޯސިއޭޝަންތަކަށް މުހިއްމު ދައުރެއް އަދާކުރެވޭނެ: ވަޒީރު

ކުޅިވަރުތައް ކުރިއެރުވުމުގައި އެ ކުޅިވަރަކާއި ގުޅޭ އެސޯސިއޭޝަންތަކަށް މުހިއްމު ދައުރެއް އަދާކުރެވޭނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު ޢަބްދުﷲ ރާފިޢު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގައި މިއަދު މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްދާ މަޝްރޫޢުތަކާއި ގުޅޭގޮތުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ސުވާލުކޮށްފައެވެ.

މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ވަނީ މަޝްރޫޢުތައް އެންމެ އަވަހަށް ކުރިއަށް ގެންގޮސް ނިންމުމަށް ސަރުކާރުން މަސައްކަތްކުރައްވާކަމަށް ވިދާޅުވެފައެވެ.

ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ މިދިޔަ ސަރުކާރުން ފަށާފައިވާ ކުޅިވަރާގުޅޭ އެއްވެސް މަޝްރޫޢުއެއް ހުއްޓާނުލާނެ ކަމަށެވެ.

"މިދިޔަ ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށްޓަކައި ފަށާފައި، ނުވަތަ ކުޅިވަރާ ބެހޭ އެއްވެސް ޕްރޮޖެކްޓެއް ހުއްޓާލާގޮތަށް ނެތް ހަމަޖެހިފައެއް، އެއީ ވަކި ހިސާބުތަކަށް ގެންގޮސްްފައި ހުރި ޕްރޮޖެކްޓްސްތަކާއި، ނިމެން ކައިރިވެފައި ހުރި ޕްރޮޖެކްޓްސް، މި ހުރިހާ ޕްރޮޖެކްޓްސްތަކުގެ މަސައްކަތްދަނީ ކުރިއަށް،" ވަޒީރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު
ވަޒީރު ވިދާޅުވީ މިއީ ރައްޔިތުންނާއި ސީދާ ގުޅުންހުރި މަޝްރޫޢުތަކަކަށްވުމުން، އެ މަޝްރޫޢުތައް އަވަހަށް ނިންމުމަކީ މުހިއްމު ކަމެއްކަމަށެވެ.

ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ ލޯންގު ޓަރމް ސްޕޯޓްސް ޑިވެލޮޕްމަންޓު ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅޭ ފްރޭމް ވޯކެއް އެކުލަވާލާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ކުޅިވަރުގެ ހަބުތައް ކޮންތަންތާކުތޯ ބަހައްޓާނީ، އިންޓަރނޭޝަނަލް މުބާރާތް ކުޅޭނީ ކޮންތަންތާކުތޯ، ކުޅިވަރު ޓްރެއިނިންތައް ކުރިއަށްގެންދާނެ ގޮތުގެ ފްރޭމް ވޯކެއްވަނީ އެކުލަވާލާފައި، އެކަން ތަންފީޒުކުރަން ތަފްސީލީ މަސައްކަތްތައް އެސޯސިއޭޝަންތަކާއި ގުޅިގެންދަނީ ކުރިއަށް،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކުޅިވަރުތައް ކުރިއެރުވުމުގައި އެ ކުޅިވަރަކާއި ގުޅޭ އެސޯސިއޭޝަންތަކަށް މުހިއްމު ދައުރެއް އަދާކުރެވޭނެކަމަށެވެ. އަދި މިކަމަށްޓަކައި ބޭރުގެ ތަޖުރިބާކާރުން ގެނެސް އެސޯސިއޭޝަންތަކާއި މަޝްވަރާކޮށް، އެކަމުގެވެސް ހުލާސާ ކަރުދާހެއް މިހާރު ތައްޔާރުކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު