ބައިތުލްމަޤްދިސްގައި ހުންނަ އަލް ޖަޒީރާގެ އޮފީސް

ޖައްބާރު ނަތަންޔާހޫގެ އެންގުމަށް ބައިތުލްމަޤްދިސްގައި ހުންނަ އަލްޖަޒީރާގެ އޮފީސް ބަންދުކޮށްފި

ހައްދުފަހަނަ އަޅާފައިވާ ޒަޔަނިސްޓު އިސްރާއީލުގެ ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ،  ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކެބިނެޓުން ފާސްކޮށްގެން، އިރުމަތީ ބައިތުލްމަޤްދިސްގައި ހުންނަ އަލް ޖަޒީރާގެ އޮފީސް ބަންދުކޮށް, ބްރޯޑްކާސްޓު ކުރުން މަނާކޮށްފިއެވެ. ފުލުހުން ވަނީ ބައިތުލްމަޤްދިސްގައި ހުންނަ އަލް ޖަޒީރާގެ އޮފީހަށް ގަދަ ބާރުން ވަދެ, ބްރޯޑްކާސްޓު ކުރުން ހުއްޓުވާފައެވެ.

ޖައްބާރު ނަތަންޔާހޫ މިކަން އިޢުލާންކޮށްފައިވާއިރު، ޔަހޫދީންގެ މަޢުލޫމާތު ފެތުރުމާ ބެހޭ ވުޒާރާއިން ވަނީ އަލް ޖަޒީރާގެ އޮފީހުގައި ހުރި ހުރިހާ ސާމާނެއް ހިފެހެއްޓުމަށް އަމުރެއް ނެރެފައެވެ. އޭގެ ތެރޭގައި ބްރޯޑްކާސްޓިންގ އަދި ރައުޓިންގ ސާމާނާއި, ކެމެރާތަކާއި, މައިކުތަކާއި, ސަރވަރތަކާއި ލެޕްޓޮޕްތަކުގެ އިތުރުން ޓްރާންސްމިޝަނަށް ބޭނުން ކުރާ ހުރިހާ ސާމާނެއް ހިމެނެއެވެ. އަދި, އެ އޮފީހުގައި ބޭނުން ކުރާ ބައެއް މޮބައިލް ފޯނުތައް ވެސް ހިމެނެއެވެ.

ޖައްބާރު ނަތަންޔާހޫގެ މި ފިނޑި ޢަމަލު ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުށްވެރިކުރަމުންނެވެ. އަލް ޖަޒީރާ ހިންގާ އަލް ޖަޒީރާ މީޑިޔާ ނެޓްވަރކުން ވަނީ ޔަހޫދީންގެ މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. މިކަމަކީ މިނިވަން މީޑިޔާއަށް ހުރަސް އެޅުމުގެ ގޮތުން ޒަޔަނިސްޓު އިސްރާއީލުން ހިންގާފައިވާ އިންސާނިއްޔަތާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ކުށުގެ އަމަލެއް ކަމުގައި އެ ނެޓްވަރކުން ބުންޏެވެ. މިއީ ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް, ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ޚަބަރާއި މަންޒަރު ދުނިޔެއަށް ހާމަ ކުރުން ހުއްޓުވުމުގެ ގޮތުން ޔަހޫދީން ހިންގާފައިވާ އަމަލެއް ކަމުގައެވެ. އަދި, ޔަހޫދީ ފައުޖުން ގަސްދުގައި ނޫސްވެރިންނަށް ޙަމަލާދީ, ނޫސްވެރިންގެ ގޮތުގައި މަސައްކަތް ކުރަމުންދާ މުސްލިމުން ޝަހީދު ކުރަމުންދާ ކަމުގައި ވެސް އެ ނެޓްވަރކުން ބުންޏެވެ.

އަލްޖަޒީރާއަކީ ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކުގެ ޚަބަރުތައް އެންމެ އަވަހަށް، އެންމެ ގާތުން، އަދި އެންމެ ފުރިހަމައަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ މުހިއްމު ޓީވީ ޗެނަލެކެވެ.

ޔަހޫދީންގެ މި އަމަލާ އެކު, އަލް ޖަޒީރާ ހިންގުމަށް ޚަރަދު ކުރާ ޤަޠަރާ ދެމެދު އޮތް ގުޅުންތަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. ޤަޠަރަކީ, ޣައްޒާގެ ޢުދުވާން ހުއްޓުވަން ޔަހޫދީންނާއި ޙަމާސް ޖަމާޢަތާ ދެމެދު ކުރަމުންދާ މަޝްވަރާތައް ވިލަރެސް ކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަމުންދާ އެއް ޤައުމެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު، މީގެ ހަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 34,683 އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000 އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 78,018 އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު