Saturday, 22 June 2024
ވޯލްޑް ޓްރެވަލް އެވޯޑްސް، އިންޑިއަން އޯޝަން ކެޓަގަރީން ރާއްޖެއަށް 4 އެވޯޑެއް

އެންމެ މަޤްބޫލް މަންޒިލްގެ ޝަރަފް ރާއްޖެއަށް، ރާއްޖެއަށް ސަރަހައްދީ ގިނަ އެވޯޑްތަކެއް!

ވޯލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަންސް ކެޓަގަރީގައި ދިވެހިރާއްޖެ، ޝަރަފުވެރި 4 ކެޓަގަރީ އަކުން އެވޯޑް ޙާސިލްކޮށްފިއެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަންސް ކެޓަގަރީގެ ބައިން އެވޯޑް ހާސިލުކުރި ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފައިވަނީ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައެވެ.

މި އެވޯޑްތަކާއި ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ޓޫރިޒަމް، އިބްރާހީމް ފައިޞަލާއި އެމްއެމްޕީއާރްސީ ބޯޑުގެ ޗެއަރޕަރސަން، އައިޝާ ނޫރައިން ޖަނާޙާއި އެމްއެމްޕީއާރްސީގެ ޗީފް އެގްޒެކްޓިވް އޮފިސަރ، ފާޠިމަތު ތައުފީޤް އަދި ޓޫރިޒަމް ޑިވެލޮޕްމަންޓާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފައިވާ އެޑްވައިޒަރު މުހައްމަދު ޚަލީލްއެވެ.

1993 ވަނަ އަހަރުގައި އުފެދިގެން އައި ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފެންވަރުގައި ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ މަޤްބޫލުކަން ހޯދައިފައިވާ އެވޯޑެކެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް، އިންޑިއަން އޯޝަން ކެޓަގަރީން ރާއްޖެއަށް 4 އެވޯޑެއް

ވޯލްޑް ޓްރެވަލް އެވޯޑްސް، އިންޑިއަން އޯޝަން ކެޓަގަރީން ރާއްޖެއިން ހާސިލުކުރި އެވޯޑްތަކަކީ

  • އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2024
  • އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2024
  • އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2024
  • އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން 2024

އެމްއެމްޕީއާރްސީއިން ވިދާޅުވީ، މި އެވޯޑްތަކުގެ ސަބަބުން ފަތުރުވެރިކަމުގެ މަޤްބޫލު މަންޒިލެއްގެ ގޮތުގައި އެއްވެސް ބަދަލެއްނެތި ރާއްޖެ އޮތްކަން ހާމަކޮށްދިނުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހަނދާން ނައްތާނުލެވޭނެ ފަދަ ތަޖުރިބާތައް ފޯރުކޮށްދިނުމާއި، އަދި، އެމްއެމްޕީއާރްސީ އިން މެދުކެނޑުމެއްނެތި ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމުގައި ކުރަމުންގެންދަވާ ބުރަ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ.

އެމްއެމްޕީއާރުސީން ދެކޭގޮތުގައި މި އެވޯޑްތަކުގެ ސަބަބުން ފަތުރުވެރިންގެ މެދުގައި ދިވެހިރާއްޖެއަށް އޮންނަ ލޯތްބާއި އިތުބާރު ބޮޑުވެ، ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލަކަށް ރާއްޖެވުމަށް އިތުރު ފުރުސަތުތައް ލިބިގެންދާނެއެވެ.

2003 ވަނަ އަހަރު ވޯލްޑް ޓްރެވަލް އެވޯޑްސްގައި އިންޑިއަން އޯޝަން ކެޓަގަރީ ތައާރަފްކުރި ފަހުން ދިވެހިރާއްޖެއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވެއެވެ. މީގެކުރިން، ދިވެހިރާއްޖެއިން ލީޑިން ޑެސްޓިނޭޝަން 17 ފަހަރު، ލީޑިން ހަނީމޫން ޑެސްޓިނޭޝަން 6 ފަހަރު، އަދި ލީޑިން ޑައިވް ޑެސްޓިނޭޝަން ވަނީ 9 ފަހަރު ކާމިޔާބު ކޮށްފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު