އިންޑިއާގެ މާކެޓު ރާއްޖެއަށް ވަރަށް މުހިއްމު ކަމަށާއި، އެ ގައުމުން އަންނަ ޓޫރިސްޓުންނަށް އަބަދުވެސް މަރުހަބާ ކިޔާ ކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ، ދުބާއީގައި މިހާރު ހިނގަމުން އަންނަ އަރަބިއަން ޓްރެވަލް މާކެޓު (އޭޓީއެމް) ފެއާގައި އިންޑިއާގެ ނޫހެއް ކަމަށްވާ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދެއްވި އިންޓަވިއުއެއްގައެވެ.
މިނިސްޓަރު ފައިސަލް ވިދާޅުވީ، އިންޑިއާއަކީ ބޮޑު އާބާދީއެއް އޮންނަ ގައުމަކަށްވާ އިރު، އެއީ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް މުހިއްމު މާކެޓެއް ކަމަށެވެ.
ރާއްޖެއިން ޓޫރިޒަމް ދާއިރާގައި އެންމެ ބޮޑަށް ޕްރޮމޯޓް ކުރަނީ ރައްކާތެރި ކަމާއި އަމަންއަމާން ކަން ކަމަށާއި އިންޑިއާ ޓޫރިސްޓުންނަށް ވެސް އެފަދަ ރައްކާތެރިކަން ކަށަވަރުކަން ލިބޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައި އިންޑިއާ މި ވަގުތު އޮތީ ލިސްޓުގެ ހަ ވަނައިގައެވެ. އެ ގައުމުން މިހާތަނަށް އައީ 44،000 ޓޫރިސްޓުންނެވެ. އެއީ ޖުމްލަ ޓޫރިސްޓުންގެ 5.5 ޕަސެންޓެވެ.
މި ވަގުތު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. މި އަހަރުގެ މިހާތަނަށް އަށް ލައްކަ ޓޫރިސްޓުން އައިސްފައިވާ އިރު ސަރުކާރުގެ އަމާޒަކީ މި އަހަރު ދެ މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމެވެ.