Wednesday, 19 June 2024
ފައިލް ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޢުމްރާއަށް މީހުން ގެންދަން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފި

ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ޕްރޮޕޯސަލް ހުށަހެޅޭނީ "ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމާބެހޭ އުޞޫލު" ގައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށްކަމަށެވެ. އަދި ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ޕްރޮޕޯސަލް ފޮތް އެ ވުޒާގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖެއިން މީހުން ޢުމްރާއަށް ގެންދިޔުމާބެހޭ އުޞޫލުގެ ދަށުން، ކޮންމެ އަހަރަކުވެސް ދެފަހަރު ޢުމްރާއަށް މީހުން ގެންދިއުމަށް ބޭނުންވާ ފަރާތްތަކަށް، އެ ފުރުޞަތު ދިނުމަށް އިޢުލާނުކުރަން ޖެހޭނެއެވެ.

މިކަމާ ގުޅޭގޮތުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކުރައްވާފައިވާ ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުޞޫލގައި ވަނީ ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދޫކުރާނީ 100 އިންސައްތަ ދިވެހިންގެ ޙިއްޞާ އޮންނަ ކުންފުނިތަކަށް އެކަނިކަމަށެވެ. އަދި ޢުމްރާއަށް ގެންދިއުމުގެ ހުއްދައަށް އެދޭ ކުންފުނީގެ ޑިރެކްޓަރުންނަކީ ޖިނާޢީ ކުށެއްގައި ޙުކުމެއް ތަންފީޒު ކުރަމުންދާ މީހެއްކަމުގައި ވެގެންނުވާނެ ކަމަށާއި، އެމީހަކީ ހުއްދައަށް އެދި ހުށަހަޅާ ތާރީޚުން ފެށިގެން ވޭތުވެދިޔަ 5 އަހަރުދުވަހުގެ މުއްދަތުގައި އޭނާގެ މައްޗަށް ޖިނާއީ ޙުކުމެއް ސާބިތުވެފައިވާ މީހެއް ކަމުގައި ވެގެންނުވާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ މި އުޞޫލުގައިވާ ގޮތުން ޢުމްރާއަށް ގެންދިއުމަށް ހުއްދަ ދޫކުރާނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.

ހަމައެހެންމެ، އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ލިބޭ ކުންފުނިތަކުން، ހުއްދަ ލިބޭތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ވަކި މިންގަނޑަކަށް ފެތޭ ގޮތަށް، އުމްރާއަށް ދިޔުމަށް އެދޭ ފަރާތްތަކަށް ޚިދުމަތްދޭ އޮފީހެއް ގާއިމުކުރަންޖެހެއެވެ.

އުމްރާއަށް ގޮސް ތިބޭ ދުވަސްވަރު އެ ކުންފުންޏެއްގެ ޢުމްރާ ޕެކޭޖުގައިވާ ގޮތުގެ މަތީން ޢުމްރާވެރީންނަށް ހުރުމާއި ކެއިންބުއިމާއި އެއްގަމުގެ ދަތުރުތައް އެއްބަސްވުމުގައިވާ ގޮތުގެ މަތިން ހަމަޖައްސައިދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ޢުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދޭ ފަރާތްތަކުގެ ދަފުތަރެއް މިނިސްޓްރީގައި އޮންނަންވާނެ ކަމަށް ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި ދަފްތަރަށް އަންނަ ބަދަލުތައް ދުވަހުން ދުވަހަށް އަޕްޑޭޓްކުރަންޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ޖަމާކުރުމަށް ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ ވަކި ޚާއްޞަ ބޭންކް އެކައުންޓެއް ހުޅުވަންވެސް ވަނީ ލާޒިމްކޮށްފައެވެ.

ޢުމްރާއަށް މީހުން ގެންދިއުމަށް މީގެކުރިން އިސްލާމިކް މިނިސްޓްރީން ވަނީ 50 ކުންފުންޏަކަށް ހުއްދަ ދެއްވާފައެވެ. ނަމަވެސް މި ކުންފުނިތަކުގެ ތެރެއިން މިދިޔަ މާރޗް މަހު 4 ކުންފުންޏަކަށް ދޫކޮށްފައިވާ ހުއްދަ ވަނީ ހަމަވެފައެވެ. އަދި މިއަހަރުގެ އޯގަސްޓަމަށް 3 ކުންފުންޏަކަށް ދޫކޮށްފައިވާ ހުއްދަ ހަމަވާއިރު 22 ކުންފުންޏަކަށް ދޫކޮށްފައިވާ ހުއްދަ އަންނަ އަހަރުގެ ޖޫން މަހު ހަމަވާނެއެވެ. މީގެ އިތުރުން ބާކީ 21 ކުންފުންޏެއްގެ ހުއްދަ އަންނަ އަހަރުގެ ނޮވެމްބަރުމަހަށް ހަމަވާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު