23 އެޕްރީލް 2025

އެއާޕޯޓް ޓެކްސީ ކިއުއިން ކާރު ނުލިބޭ މައްސަލަ ޙައްލުކޮށްފި

ޓެކްސީ ޑްރައިވަރުން އަމިއްލަ އަށް އެކި އަގުތައް ނަގާ މައްސަލަ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޓެކްސީ ކިއު އިން ކާރު ނުލިބޭ މައްސަލަ އިއްޔެ އިން ފެށިގެން ހައްލު ކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

އެ ކަންކަން މިހާރު ހައްލު ކޮށްފައިވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވީ، އެއާޕޯޓުގައި އޮންނަ ޓެކްސީ ކިއުގެ ތަރުތީބު ގެއްލި، ބައެއް ޑްރައިވަރުން ބޭނުންވާ ގޮތަކަށް ފަސިންޖަރުންނާ މެދު އަމަލުކުރާ މައްސަލަ ވަރަށް ބޮޑުވެފައި ވަނިކޮށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އެއާޕޯޓް ޓެކްސީ ކިއުއާ މެދު އާންމުންގެ ޝަކުވާތައް ދުވަހުން ދުވަހަށް އިތުރުވަމުން ދާ ކަމަށެވެ.

މިނިސްޓަރު އަމީން މިއަދު ވިދާޅުވީ އެއާޕޯޓުން އާންމުން ނަގާ ޓެކްސީތަކުގެ މައްސަލަ ހައްލު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި އެމްއޭސީއެލް އަދި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އިއްޔެ މެންދުރު އެ މައްސަލަތައް ހައްލު ކޮށްފައިވާ ކަމަށެވެ

މިނިސްޓަރު ވިދާޅުވި ގޮތުގައި، ގަވާއިދާ ހިލާފަށް އަމަލުކުރާ ޓެކްސީ ޑްރައިވަރުންނާ ޑީލް ކުރާނީ ފުލުހުންނެވެ.

އޭގެ ތެރޭގައި ވަކި ތަނަކަށް ނޫނީ ދަތުރު ކުރަން ޑްރައިވަރުން ބޭނުން ނުވުމާއި ދަތުރު ނެގުމަށް ފަހު، އިތުރު ފަސިންހަރުން އެރުވުމާއި ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑެތި އަގުތައް ނެގުން ހިމެނޭ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ޓެކްސީގެ ހިދުމަތުގެ މައްސަލަ އަށް ދާއިމީ ހައްލު ގެންނައުމަށް ޒަމާނީ ޓެކްސީ ލައިނެއް ހަދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އެއާޕޯޓުން މާލެ އާއި ހުޅުމާލެ އަށް ދަތުރުކުރަން ހާއްސަ އަގުތަކެއް ސަރުކާރުން ކަނޑައަޅާފައިވެއެވެ. ނަމަވެސް، އެއާ ހިލާފަށް އަމަލު ކުރުމާއި ފަސިންޖަރުންގެ ހުއްދަ ނެތި އެތައް ފަސިންޖަރުންނެއް ޓެކްސީއަށް އަރުވައިގެން އެކި ތަންތަނަށް ބާލަމުންދާ މައްސަލަ ވެސް ވަރަށް ބޮޑެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު