Thursday, 20 June 2024

ސަލްމާން މިސްކިތުގެ އޭސީ މައްސަލަ ހައްލުކުރަނީ

ކިންގް ސަލްމާން މިސްކިތުގެ އޭސީ މައްސަލަ ހައްލުކުރަން މި ވަގުތަށް ހަ މިލިއަން ރުފިޔާ ބޭނުންވާ ކަމަށާއި އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ބޭއްވި ނިއުސް ކޮންފަރެންސްގައި، ޝަހީމް ވިދާޅުވީ ސައޫދީ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ހަރަދުގައި މާލޭގައި އިމާރާތްކުރި މިސްކިތުގެ އޭސީ މައްސަލަ ވަރަށް ބޮޑުއިރު، އެކަން ހައްލުނުކުރެވި ދިގުލައިގެން ގޮސްފައިވާ ކަމަށެވެ.

ޝަހީމް ވިދާޅުވީ، އޭސީތައް ރަނގަޅުކުރަން ހަ މިލިއަން ރުފިޔާ ބޭނުންވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖެއަށް މިއީ، ހޫނު ގަދަ ދުވަސް ވަރަކަށް ވާތީ އޭސީ ސިސްޓަމަކީ މިހާރު ވެސް ހައްލުކުރަން ޖެހޭ މައްސަލައެއްކަން ޝަހީމް ފާހަގަކުރެއްވިއެވެ.

ޝަހީމް ވިދާޅުވީ އެ އޭސީތައް ބެލެހެއްޓޭނެ ފެންވަރުގެ ދިވެހިންގެ ބަޔަކާ މި ފަހުން ބައްދަލުކުރައްވާފައިވާ ކަމަށެވެ.

ކިންގް ސަލްމާން މިސްކިތް ބޭނުންކުރަން ފެށިތާ ތިން އަހަރު ވެގެން ދިޔަސް އެ މިސްކިތް ރަސްމީކޮށް އަދި ނުހުޅުވައެވެ. އެހެންވެ، ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އީދު ފަހުން ސައުދީގެ އިސް ބޭފުޅަކު ރާއްޖެ ވަޑައިގެން އެ މިސްކިތް ހުޅުވުމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރަސްމީކޮށް މިސްކިތް ހުޅުވުމަށް ކުރަންޖެހޭ ކަންކަން ވަރަށް ގިނަ އެވެ. އެގޮތުން، ބައެއް ދޮރުތައް މަރާމާތުކުރުމާ އެކު، ބޮޑެތި މަރާމާތުތަކެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު