ބައިނަލްއަޤްވާމީ ތެލަސީމިއާ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވުން، ފޮޓޯ

ތެލަސީމިއާ ހުރި ކޮންމެ ކުއްޖަކާމެދު ހިތްތަކުގައި ވަނީ ލޯތްބާ އޯގާތެރިކަން: ރައީސް

ތެލަސީމިއާ ހުރި ކޮންމެ ކުއްޖަކާމެދު އަޅުގަނޑުމެންގެ ހިތްތަކުގައި ވަނީ ލޯތްބާ އޯގާތެރިކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އިއްޔެ ފާހަގަކުރި ދުނިޔޭގެ ތެލަސީމިއާ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި ސަރުކާރުން އެކުދީންގެ ފުރިހަމަ ދުޅަހެޔޮކަމަށްޓަކާ މަސައްކަތްކުރަމުންދާކަމަށެވެ.

ތެލަސީމިއާގެ ފަރުވާއަށް މި ސަރުކާރުން ދެއްވާ އިސްކަމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، ލަސްތަކެއް ނުވެ ވަރަށް އަވަހަށް ތެލަސީމިއާ ކުދިންގެ ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލެއް މާލެ ސަރަޙައްދުގައި ޤާއިމްކުރައްވާނެކަން މީގެ ކުރިން ވަނީ އިޢުލާނުކުރައްވާފައެވެ. އެގޮތުން އެ ހޮސްޕިޓަލް އިމާރާތްކުރުމަށް މިހާރު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިމެއް ވަނީ ހަމަޖައްސަވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ބޯންމެރޯ ޓްރާންސްޕްލާންޓްގެ ފަރުވާ ސަރުކާރުގެ ޚަރަދުގައި ހިލޭ ހެދުމަށް ރާއްޖެއިން ބޭރަށް ކުދިން ފޮނުވަން މިހާރު ވަނީ ފައްޓަވާފައެވެ. ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ރާއްޖޭގެ ރަށްރަށުން ލިބޭނެ އިންތިޒާމްތައް މި ސަރުކާރުން މިހާރު ވަނީ ހަމަޖައްސަވާދެއްވާފައެވެ. ބައިނަލްއަޤްވާމީ ތެލަސީމިއާ ދުވަސް ފާހަގަކުރުމަށް މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރުގައި އަލި އަޅުވާލާފައިވަނީ، ތެލަސީމިއާ އާއެކު ދިރިއުޅޭ މީހުން ބާރުވެރިކުރުމަށް، ފަރުވާއަށް ލިބިފައިވާ ކުރިއެރުންތަކުގެ ބޭނުން ހިފައި، ހޭލުންތެރިކަން އިތުރުކޮށް، މާނަހުރި ހެޔޮ ބަދަލަކަށް ކެނޑިނޭޅި ވަކާލާތު ކުރުމުގެ ޒިންމާގެ މައްޗަށެވެ.

ތެލަސީމިއާގެ ފަރުވާއަށް މި ސަރުކާރުން ދެއްވާ އިސްކަމުގެ ތެރެއިން ސްކޫލްތަކުގެ ދަރިވަރުން ތެލެސީމިއާއަށް ސްކްރީން ކުރުމުގެ ޤައުމީ ކެންޕެއިނެއް މިދިޔަ ފެބްރުއަރީ މަހު ވަނީ ފަށާފައެވެ. މިއީ ތެލެސީމިއާ ހުންނަ ކުދިން އުފަންވާ ނިސްބަތް ދަށްކުރުމަށް ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ފެށި ހަރަކާތެކެވެ. ހަމައެހެންމެ އަންނަ އަހަރުން ފެށިގެން ތެލެސީމިއާ ކުދިންނަށް ސަރުކާރުން އިނާޔަތެއް ދެއްވަން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮންމެ އަހަރެއްގެވެސް މެއިމަހުގެ 8 ފާހަގަކުރަނީ ދުނިޔޭގެ ތެލަސީމިއާ ދުވަހުގެ ގޮތުގައެވެ. މިފަދަ ދުވަހެއް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ މިކަމާމެދު މުޖުތަމަޢު ހޭލުންތެރިކުރުވާ، އެކުދިންނަށް ބޭނުންވާ ފަރުވާއާއި ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރުއެޅުމެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ