ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން މިއަދު ޢާއިލީ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
މި ޢާއިލީ ހަވީރާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރ އާދަމް އާޒިމް ވިދާޅުވީ، މާލޭގައި ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ބާއްވާ ހަވީރަކީ ބޮޑަށް ކުޑަކުދިން ބޭރަށް ނިކުމެ ޢަމަލީ ގޮތުން ބައިވެރިވެވޭ ގޮތަށް ރާވައިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
މި ހަވީރުގެ އަމާޒަކީ ޢާއިލީ ގުޅުންތައް އިތުރުކޮށް ކުޑަކުދިން ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ހިތްވަރުދިނުން ކަމަށް މޭޔަރ ވިދާޅުވިއެވެ.
މި ހަރަކާތް މިއަދު ހަވީރު 4:00 އިން 6:00 ހަރަކާތްތައް ކުރިއަށްދާނެއެވެ. އަދި ރޭގަނޑު 8:00 އިން 10:00 ބޭންޑް އަދި ބޮޑުބެރު ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
މިއަދު އާޓިފިޝަލް ބީޗު ސަރަހައްދުގައި ކުރިއަށްގެންދާ މި ހަރަކާތުގައި އެކި އުމުރުފުރާގެ ކުދިންނަށް ބައިވެރިވެވޭނެހެން ތަފާތު ހަރަކާތްތައް ކުރިއަށްދާނެއެވެ.
މާލެ ސިޓީގެ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ގުޅިގެން ކުރިއަށް ގެންދާ މި ހަވީރުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވަނީ ރޭވިފައެވެ. އަދި މި ހަރަކާތަކީ ކުޑަކުދިންގެ ދުވަހާއި، މިމަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ މަންމައިންގެ ދުވަހާއި މިމަހުގެ 15 ވަނަ ދުވަހު ފާހަގަކުރާ އާއިލާތަކާއި ބެހޭ ދުވަހާއި ގުޅުވައި 3 ދުވަސް އެއްކޮށް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއްކަމަށް މާލެ ސިޓީކައުންސިލުން ވިދާޅުވެއެވެ.
👇އާއިލީ ހަވީރު
ވީހާވެސް ގިނަ ބޭފުޅުން އާއިލާއާއި އެކު މި އިވެންޓްގައި ބައިވެރި ވުމަކީ މާލެ ސިޓީ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ މެމްބަރުންގެ ވަރަށް ބޮޑު އެދުމެއް.
10 މެއި 2024
ތަން: އާޓިފިޝަލް ބީޗް
ގަޑި: ހަވީރު : 16:00 – 18:00
ރޭގަޑު 20:00-22:00@MaleCityWDC… pic.twitter.com/DIvgY3wR5I— Adam Azim (@adamazim) May 7, 2024
ކުޑަކުދިންގެ ހަވީރުގައި ކުދިންގެ ހުނަރު ދައްކާލުމަށް ސްޓޭޖުމަތިން ފުރުސަތު ލިބިގެންދާއިރު، ފޮޓޯ ބޫތާއެކު ވާޗުއަލް ރިއަލިޓީ ދެ ހަރަކާތެއްގައި ކުދިންނަށް ބައިވެރިވެވޭނެއެވެ. އެއީ ސޯލާ ސިސްޓަމް ބަލާލުމުގެ ފުރުސަތާއި ކަނޑުއަޑީގެ މަންޒަރުތައް ބަލާލުމުގެ ފުރުސަތެވެ. މި ވާޗުއަލް ރިއަލިޓީ ޕްރެޒެންޓޭޝަންތަކަކީ އާންމުކޮށް ރިސޯޓުތަކުގައި ބޭނުން ކުރާ ފަދަ ޕްރެޒެންޓޭޝަންތަކެއްކަމަށް މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.



