ޝޫޝާ – ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯރލްޑް 2024″ ގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު އަޒަރްބައިޖާނަށް ވަޑައިގަންނަވައިފި

އިސްލާމިކް ވޯލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯރގަނައިޒޭޝަން (އިސެސްކޯ) ގެ "ޝޫޝާ ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކްވޯލްޑް 2024" ގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އަޒަރްބައިޖާނަށް ވަޑައިގަންނަވައިފިއެވެ. އަޒަރްބައިޖާންގެ ޝޫޝާގައި އޮންނަ ސަގާފީ މި ހަރަކާތަކީ، 2024 ވަނަ އަހަރުގެ ސަގާފީ ކެޕިޓަލްގެ ގޮތުގައި އިސެސްކޯއިން އަޒަރްބައިޖާނުގެ ޝޫޝާކަނޑައެޅުމާ ގުޅިގެން، ޤައުމީ ފެންވަރުގައި އެކަން ފާހަގަކުރުމުގެ ގޮތުން އެޤައުމުން ކުރިއަށްގެންދާ ހަރަކާތްތައް ފެށުމަށް ބާއްވާ ރަސްމިއްޔާތާ އެކު ކުރިއަށް ގެންދާ ހަރަކާތެކެވެ.

ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް ހަރަކާތަކީ އިސްލާމީ ގައުމުތަކުގެ ސަގާފަތާއި ތަރިކައާ ބެހޭ ދާއިރާގެ އެންމެ މަތީ ފެންވަރުގެ ބޭފުޅުންނަށް ދަޢުވަތު އެރުވިގެން ކުރިއަށް ގެންދާ ސިސްސިލާ ހަރަކާތެކެވެ. މި ހަރަކާތް ރާވައި ހިންގަނީ އިސެސްކޯ އިންނެވެ. އިސެސްކޯ ގެ މެންބަރު ގައުމުތަކުގެ އަދަދަކީ 53އެވެ.

"ޝޫޝާ ކަލްޗަރ ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް 2024" ފެށުމުގެ ރަސްމިއްޔާތު މާދަމާ ބޭއްވުމަށް ހަމަޖެހިފައި ވާއިރު، އިސެސްކޯގައި ހިމެނޭ ޤައުމުތަކުގެ އިސްލާމީ ސަގާފަތްތަކުގެ ގުޅުން ރަނގަޅު ކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި، ސަގާފީ ފޯރަމްތަކާއި ތަރިކައާ ބެހޭމަޝްވަރާތައް ކުރެވޭ ވަށްމޭޒު ބައްދަލުވުންތައް ހިމެނެއެވެ. އަދި ޝޫޝާއާއިއަޒަރްބައިޖާނުގެ އެހެން ގިނަ ސަރަޙައްދުތައް އިސްތިޢުމާރީ ބާރުތަކުން ސަލާމަތްކުރުވެނުގޮތާއި އެތަންތަނުގެ އެހާރާއި މިހާރު ދައްކުވައިދޭ މައުރަޒުތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރާވާފައެވެ.

ވަޒީރުގެ މި ދަތުރުފުޅުގައި މި ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ބާއްވާ ޚާއްސަޙަފްލާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މީގެ އިތުރުން، އަޒަރްބައިޖާނުގެ މިނިސްޓަރ އޮފް ކަލްޗަރ އަދި އިސްލާމިކް ވޯލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯރގަނައިޒޭޝަން ގެ ޑިރެކްޓަރ ޖެނެރަލް ހިޒް އެކްސެލެންސީ ޢާދިލް ކަރިމްލީ އާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވަޒީރުގެ މި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ވަކާލާތު ކުރައްވާނެއެވެ. އަދިސަގާފަތާއި ތަރިކައިގެ ރޮނގުން ދިވެހީން ތަމްރީނު ކުރުމަށް އިސެސްކޯގެ ތެރެއިންލިބެން ހުރި ފުރުސަތުތައް ބައްލަވައި، އެ ދާއިރާތަކުން ދިވެހީންނަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެއެވެ. ތަމްރީނުގެފުރުސަތުތައް ހޯއްދެވުމަށް އިސްކަން ދެއްވާނެ ދާއިރާތަކުގެ ތެރޭގައި އާސާރުވެރީންގެ ދާއިރާ، އާސާރީ ތަކެތި ރައްކާތެރި ކުރުމުގެ ދާއިރާ، ދާރުލްއާސާރު އުފެއްދުމާއިބެލެހެއްޓުމުގެ ފަންނުގެ ދާއިރާ އަދި އިންސާނީ ހަޟާރާތް ދިރާސާ ކުރުމުގެ ދާއިރާހިމެނެއެވެ.

އެމިނިސްޓްރީން ވިދާޅުވި ގޮތުގައި، ވަޒީރުގެ މި ދަތުރުފުޅަކީ އަޒަރްބައިޖާނުގެ މިނިސްޓަރ އޮފް ކަލްޗަރ އަދި އިސްލާމިކް ވޯލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯރގަނައިޒޭޝަން ގެ ޑިރެކްޓަރ ޖެނެރަލް ހިޒް އެކްސެލެންސީ ޢާދިލް ކަރިމްލީ ގެ ދަޢުވަތުފުޅަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު