Thursday, 12 September 2024

އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދެނީ ކޮން ގައުމުތަކަކުން؟

ފަލަސްތީނާ ދެކޮޅަށް އަނިޔާވެރި އިސްރާއީލުން ހިންގަމުންދާ ޤަތުލުއާންމުތަކާއި ނަސްލުހޭދުގެ ޖަރީމާގައި ގާތްގަނޑަކަށް 35000 އަށް ވުރެން ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ޖިހާދުކުރަމުންދާ ހަމާސްގެ މުޖާހިދުންނާ ދެކޮޅަށް އިސްރާއީލު ސިފައިން ބޭނުންކުރާ ގިނަ އަދަދެއްގެ ހަތިޔާރު ފޮނުވަނީ އެމެރިކާ އިންނެވެ. އެހެން ނަމަވެސް އިސްރާއީލަށް އެމެރިކާއިން ފޮނުވަމުންދާ ހަތިޔާރު ޝިޕްމަންޓްތައް ފޮނުވުން ވޮޝިންޓަނުންވަނީ މެދުކަނޑާލާފައެވެ.

ރައީސް ޖޯ ބައިޑަން ވެސް ފުރަތަމަ ފަހަރަށް އިސްރާއީލަށް އިންޒާރެއް ދެއްވީ، މެއި މަހުގެ 8 ވަނަ ދުވަހު ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައެވެ. ބައިޑަން ވިދާޅުވީ އިސްރާއީލު ސިފައިން ޣައްޒާގެ ރަފާ ސިޓީއަށް ހަމަލާ ދީފިނަމަ އެމެރިކާއިން އިސްރާއީލަށް ފޮނުވާ ހަތިޔާރު ފޯރުކޮށްދިނުން ހިފަހައްޓާނެ ކަމަށެވެ. ރަފާގައި ގެދޮރު ގެއްލިފައިވާ އެތައް ހާސް އާންމުންނެއް ދިރިއުޅެއެވެ.

އެމެރިކާއަކީ އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދޭ އެންމެ ބޮޑު ގައުމެވެ. އިސްރާއީލަކީ މެދު އިރުމަތީގެ އެމެރިކާގެ އެންމެ ގާތް އެކުވެރިޔާއެވެ.  ދެން އިސްރާއީލަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދެނީ ޖަރުމަނުވިލާތުންނެވެ.

ޣައްޒާގައި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ހިލާފަށް އިސްރާއީލުން ހަތިޔާރު ބޭނުން ކުރާތީވެ، ކެނެޑާ އާއި ނެދަލޭންޑްސް އިން ވަނީ އިޒްރޭލަށް ހަތިޔާރު ފޮނުވުން މި އަހަރު ހުއްޓާލާފައެވެ.

އިސްރާއީލުން ވައިގެ މަގުންނާއި، އެއްގަމު އުޅަނދުފަހަރުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޣައްޒާގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ އާންމުންނާއި ކުޑަކުދިން ކަމަށް ބައިނަލްއަގުވާމީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނެއެވެ.

އިސްރާއީލަށް ހަތިޔާރު ސަޕްލައިކުރާ ފަރާތްތައް

އެމެރިކާ:

އެމެރިކާއިން މިހާރު ހިފަހައްޓާފައިވާ ހަތިޔާރު ޝިޕްމަންޓްގެ އަގު 10 މިލިއަން އަރައެވެ. އެމެރިކާގެ އޮފިޝަލަކު ވިދާޅުވި އެ ހަތިޔާރު ޝިޕްމަންޓް ހިފެހެއްޓީ އިސްރާއީލުން ޣާޒާގައި ހިންގަމުންދާ ޤަތުލުއާންމުތަކާއި ނަސްލުހޭދުގެ ޖަރީމާ އިތުރަށް ރަފާއަށް އިސްރާއީލުން ހަމާދީފާނެކަމުގެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

ކަންމިހެން ހުރިނަމަވެސް، އިސްރާއީލުގެ ކެބިނެޓްގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ އިސް މެންބަރު ޖިމް ރިޝް މެއި މަހުގެ ނުވަ ވަނަ ދުވަހު ވިދާޅުވީ، އިޒްރޭލަށް އެތައް ބިލިއަން ޑޮލަރެއްގެ އެމެރިކާގެ ހަތިޔާރު އަދިވެސް އެބަހުރި ކަމަށާއި، އޭގެ ތެރޭގައި ޓޭންކާއި، ބޮމާއި އެންމެ ޒަމާނީ ހަތިޔާރު ހިމެނޭކަމަށެވެ. ނަމަވެސް ހަތިޔާރު ފޮނުވުން މަޑުޖައްސާލީ ކަމަށެވެ.

ޖަރުމަނުވިލާތް:

ޣައްޒާ ހަނގުރާމަ ފެށުނު ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން ޖަރުމަނުން، އިސްރާއީލަށް އެކްޕޯޓްކުރާ ހަތިޔާރު 2022 ވަނަ އަހަރާ އަޅާބަލާއިރު 2023 ވަނަ އަހަރު ވަނީ ދިހަ ގުނަ އިތުރުކޮށްފައެވެ. 326.5 މިލިއަން ޔޫރޯ (351 މިލިއަން ޑޮލަރު)ގެ ހަތިޔާރު އިސްރާއީލަށް ޖަރުމަނުވިލާތުންވަނީ އެކްސްޕޯޓްކޮށްފައެވެ.

ނަމަވެސް މިއަހަރު ފެށުނީއްސުރެ ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމައަށް ބައިނަލްއަޤްވާމީ ފާޑުކިޔުންތައް އިތުރުވަމުން އަންނައިރު، ޖަރުމަނު ސަރުކާރުން އިސްރާއީލަށް ހަނގުރާމައިގެ ހަތިޔާރު އެކްސްޕޯޓުކުރުމަށް ހުއްދަދީފައިވަނީ ވަރަށް މަދުންނެވެ. ޖަރުމަނުގެ އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ މިހާތަނަށް ހުއްދަ ދީފައި ވަނީ 32،449 ޔޫރޯގެ ހަތިޔާރު ފޮނުވުމަށެވެ.

އިޓަލީވިލާތް:

އިޓަލީގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މެއި މަހުގެ ނުވަ ވަނަ ދުވަހު ވިދާޅުވީ ޣައްޒާ ހަނގުރާމަ ފެށުނީއްސުރެ އިޓަލީން އެކްސްޕޯޓް ކުރުމުގެ އާ ހުއްދަތައް ދިނުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެންމެ ފަހުން އޯޑަރު ދީފައި ވަނީ ނޮވެމްބަރު މަހު އެވެ.

މިދިޔަ ޑިސެމްބަރު މަހު އެކަނިވެސް އިޓަލީން އިސްރާއީލަށް 1.3 މިލިއަން ޔޫރޯގެ ހަތިޔާރު ފޮނުވާފައިވެއެވެ. މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު،ތިން ގުނަ އިތުރު އަދަދެކެވެ.

އިނގިރޭސިވިލާތް:

އިނގިރޭސިވިލާތަކީ އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި ސިދާ، ހިމެނޭ ގައުމެއް ނޫނެވެ. އެމެރިކާއާ ޚިލާފަށް، އިނގިރޭސިވިލާތުގެ ސަރުކާރުން ސީދާ އިސްރާއީލަށް ހަތިޔާރު ފޯރުކޮށެއް ނުދެއެވެ. އޭގެ ބަދަލުގައި އިނގިރޭސިވިލާތުގެ ހަތިޔާރު ވިއްކުމުގެ ލައިސަންސް އޮންނަ ކުންފުނިތަކަށް އިސްރާއީލަށް ހަތިޔާރު ވިއްކުމުގެ ހުއްދަ ދެއެވެ.

މިދިޔަ އަހަރު އިނގިރޭސިވިލާތުން ވަނީ މަދުވެގެން 42 މިލިއަން ޕައުންޑް (52.5 މިލިއަން ޑޮލަރު)ގެ ދިފާއީ ސާމާނު އިސްރާއީލަށް ވިއްކުމުގެ އެކްސްޕޯޓް ލައިސަންސް ކުންފުނިތައްކަށް ދީފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު