7 ފެބުރުވަރީ 2025
އޮޕަރޭޝަން ކުރަނގި ފެށުމުގެ ރަސްމިއްޔާތުގައި ދާޚިލީ ވަޒީރު ވާހަކަފުޅުދައްކަވަނީ

އޮޕަރޭޝަން ކުރަނގި: ހިންމަފުށީގެ 532 ބިދޭސީންގެ މައުލޫމާތު ނަގައިފި

ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކޮށް، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެ ހޯދުމަށް ފަށާފައިވާ އޮޕަރޭޝަން "ކުރަނގި" ގެ ދަށުން މިހާތަނަށް 532 ބިދޭސީންގެ މައުލޫމާތު ނަގައިފިއެވެ.

މި މަހުގެ ދެވަނަ ދުވަހު އޮޕަރޭޝަން "ކުރަނގި" ކ. ހިންމަފުށީގައި ފަށާފައިވާއިރު، ދާޚިލީ ސަލަމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ކުރެއްވި ޕޯސްޓެއްގައި، އެ ރަށުގައި ދިރިއުޅޭ 532 ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ ކަމަށްވާ އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަން ހަދަން ބޭނުންވާ ފޮޓޯ ނަގައި، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު ބަލަހައްޓާ ސިސްޓަމަށް އަޕްލޯޑްކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި ދާދި އަވަހަށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި އެއްފަހަރާ މި މަސައްކަތް ފަށާނެ ކަން ފާހަގަކުރައްވައި، ވަޒީރު ވަނީ މި އޮޕަރޭޝަން ކުރިއަށްގެންދިއުމުގައި ހިންމަފުށީ ކައުންސިލުން ދެއްވި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ.

އޮޕަރޭޝަން "ކުރަނގި" ފެށުމަށް ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމާ ބެހޭ ތަފްސީލު ހާމަކުރައްވަމުން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށެވެ. އެގޮތުން، ފުރަތަމަ މަސައްކަތެއްގެ ގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު