Thursday, 20 June 2024

އދ.ގެ ވޯޓާއެކު މިނިވަން ފަލަސްތީނަކަށް ކުރާ މަސައްކަތުގައި ދެމިތިބޭނެ

ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން ރާއްޖޭން ކޯ ސްޕޮންސާކޮށްފައިވާ ގަރާރު އދ.ގެ އާންމު މަޖިލީހުން މިރޭ ފާސްކުރުމުން އެ ކަމަށް މަރުހަބާ ވިދާޅުވެ، ފަލަސްތީނަށް މިނިވަންކަން ހޯދައިދޭން ރާއްޖޭން ކުރަމުންދާ މަސައްކަތުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ދެއްވައިފިއެވެ.

‎ރާއްޖޭން ކޯ ސްޕޮންސާކޮށް ހުށަހެޅި ގަރާރަށް ރޭ ނެގުނު ވޯޓުގައި 143 ގައުމަކުން ވަނީ ތާއީދުކޮށްފަ އެވެ. އެ ގަރާރާ ދެކޮޅަށް ނުވަ ގައުމަކުން ވޯޓުދިންއިރު، އެއްވެސް ކޮޅަކަށް ވޯޓުދޭން 25 ގައުމަކުން ވޯޓް ދީފައެއް ނުވެއެވެ.

‎އެ ގަރާރާ އެއްކޮޅަށް ވޯޓުދިން ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.

‎މިނިސްޓަރ ޒަމީރު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތަފާތު ގޮންޖެހުންތަކާ ކުރިމަތިވިޔަސް، މިރޭގެ ވޯޓުން ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރެއްގެ ދަރަޖަ ހޯދައިދިނުމަށް މަގުކޮށިގެން ގޮސްފައިވާ ކަމަށެވެ.

‎"ފަލަސްތީނަކީ މިނިވަން އަދި މުސްތަގިއްލު ދައުލަތެއްގެ ހައްގު ހޯދުމުގެ މަސައްކަތުގައި ރާއްޖޭން ފުރިހަމައަށް އެއްބާރުލުން ދިނުމުގައި ދެމިތިބޭނަން،" ޒަމީރު ވިދާޅުވިއެވެ.

‎އާންމު މަޖިލީހުން މި ގަރާރު ފާސްކުރިޔަސް، ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރު ގައުމެއްގެ ދަރަޖަ ލިބޭނީ އދ.ގެ ސަލާމަތީ މަޖިލީހުން އެގޮތަށް ފާސްވުމުންނެވެ. ނަމަވެސް، އާންމު މަޖިލީހުން މި ގަރާރު ފާސްކުރުމާއެކު ދެން އަންނަ ބައްދަލުވުމުން ފެށިގެން، ފަލަސްތީނަށް މިހާރު ނުލިބޭ އިތުރު ހައްގުތަކެއް ލިބޭނެ އެވެ.

‎ފަލަސްތީނަށް އދ.ގެ އޮބްޒާވަރެއްގެ ދަރަޖަ ވެސް ލިބުނީ 2012 ވަނަ އަހަރުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު