Saturday, 22 June 2024
ޕްރިޒަން އޮފިސަރުންގެ 29 ވަނަ އަސާސީ ތަމްރީނު ކޯްސް، ފޮޓޯ: މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީނު ކޯސް ފަށައިފި

ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީނު ކޯހުގެ 29 ވަނަ ބެޗް މާފުށީ ޖަލުގައި ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވި ގޮތުގައި، މިއީ ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުގަންނައިދީ ޕްރިޒަން އޮފިސަރުންގެ މަސައްކަތަށް ބޭނުންވާ ޢިލްމީ ޤާބިލުކަމާއި ތަޖުރިބާ ލިބިދިނުމަށް އަމާޒުކޮށްގެން އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގާ ކޯހެކެވެ.

މި ތަމްރީން ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޢާޞިފެވެ.

8 މޮޑިއުލްގެ މައްޗަށް ފަރުމާކޮށްފައިވާ މި ޓްރެއިނިންގ ކޯހުގައި ފިޒިކަލް ޓްރެއިނިންގ އާއި ލީޑަރޝިޕް ކްލާސްތަކާއި އެތިކްސް އާއި ޤާނޫނާއި ޤަވާއިދު ތަކުގެ އިތުރުން ޕްރިޒަން އޮފިސަރުންގެ މަސައްކަތްތަކާއި ގުޅުންހުރި މޮޑިއުލްތައް ކިޔަވައިދެވޭނެ ކަމަށް އެ ސަރވިސްއިން ވިދާޅުވެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވީ، ކޯހަކީ 15 ހަފުތާގެ މުއްދަތައް ކުރިއަށް ގެންދާ ކޯހެއް ކަމަށާއި، މި ތަމްރީނު ކޯހުގައި 16 އަންހެން ޕްރިޒަން އޮފިސަރުންނާއި 26 ފިރެހެން ޕްރިޒަން އޮފިސަރުން ހިމެނޭހެން ޖުމްލަ 42 އޮފިސަރުން ބައިވެރިވާ ކަމުގައެވެ.

އެ ސަރވިސްއިން ހިންގާ މި ޓްރެއިނިންގ ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަންނީ މުވައްޒަފުން ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު