Saturday, 22 June 2024
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް/ ފޮޓޯ: ޕީއެސްއެމް ނިއުސް

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފަށަން ތައްޔާރުވެއްޖެ

5 މިލިއަން ގަސް އިންދުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމް މިއަހަރުގެ ތިމާވެށީގެ ދުވަހު ފެށުމަށް ނިންމަވާފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ތިމާވެށީގެ ދުވަހަކީ 5 ޖޫން އެވެ.

ދައުލަތުގެ މީޑިޔާ "ޕީއެސްއެމް ނިއުސް" ގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އަންނަމަހުގެ 5 ދުވަހު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހު ފެށުމަށް ނިންމާފައިވާކަމަށާއި، މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތަކުގައިވެސް ގަސް އިންދުމުގެ ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ.

ވަޒީރު ވިދާޅުވީ، މި ޕްރޮގްރާމް ފެށުމުގެ ގޮތުން ފުރަތަމަ ފިޔަވަހީގައި އިންދުމަށް ހަމަޖެހިފައިވަނީ 4 ބާވަތެއްގެ ގަސްކަމަށާއި، އެއީ ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްތަކާއި މޭވާ އަޅާ ގަހާއި ހިޔާ ލިބޭ ގަސްތަކާއި ދިވެހި ބޭސްވެރިކަމަށް ބޭނުން ކުރާ ގަސްތައްކަމުގައެވެ.

ކުރިންވެސް ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމްތައް ހިންގާފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވެނީ އިންދާ ގަސްތައް ރަނގަޅަށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްފައި ނުވާތީކަމަށެވެ.

"މީގެ ކުރިން ވާާއެއްޗަކީ ގަސް އިންދާފަ އެ މޮނިޓަރއެއް ނުކުރެވޭ.ކުރިއަށް އޮތްތާނގައި އިރާދަކުރެއްވިއްޔާ މޮނިޓަރ ކޮށްގެން ކުރިއަށްގެންދާނީ. މިކަމުގައި ކުރެވިފައި ހުރި އެކްސްޕީރިއެންސާއެކު އެއަށްވުރެ ރަނގަޅަށް މި ޕްރޮގްރާމް ކުރިއަށްދާނެ،" ޠާރިގު އިބްރާހިމް ވިދާޅުވިއެވެ.

ސަރުކާރުން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ރަށްތަކުގެ ކައުންސިލްތަކާއި އޮފީސް އަދި އަމިއްލަ ޖަމިއްޔާތަކުން ބައިވެރިވުމަށް އެދިވަޑައިގެން، ވަޒީރު ވިދާޅުވީ މި ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގައި 90 އަށްވުރެ ގިނަ ބާވަތުގެ ގަސް އިންދާނެ ކަމަށާއި، އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ރަށްތަކުގައި ނާސަރީތައް ހަދައި އާންމުނަށް ގަސް ލިބޭ އިންތިޒާމް ހަމަޖައްސަވާނެކަމުގައެވެ.

ތިމާވެށި ހިމާޔަތްކޮށް ރާއްޖޭގެ ނާޒުކު ވެއްޓަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ކުރިއަށް އޮތް 5 އަހަރު ތެރޭގައި ރާއްޖޭގައި 5 މިލިއަން ގަސް އިންދެވުމުގެ މަޝްރޫޢެއް ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

ކުރިއަށް އޮތް 5 އަހަރު ތެރޭގައި 5 މިލިއަން ގަސް އިންދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު އިއުލާންކުރެއްވީ ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އެންމެ ބޮޑު ބައްދަލުވުންކަމުގައިވާ "ކޮޕް28″ގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު