7 ފެބުރުވަރީ 2025

ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކުރުމުގެ މަޝްރޫޢު ފަށައިފި

ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކުރުމުގެ މަޝްރޫޢު ފަށައިފިއެވެ.

ރަސްމީ ފާލަން ނުވަތަ "ޢިއްޒުއްދީން ފާލަން" އަލުން ތަރައްޤީކުރުމުގެ މަޝްރޫޢު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީ އާއި ހަވާލުކުރުމާއި ގުޅިގެން، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވަނީ މިހާރު ފަށާފައެވެ.

ރަސްމީ ދަތުރުފުޅުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރު ޤައުމުތަކުގެ އިސްވެރިންނާއި އިއްޒަތްތެރިން މާލޭއަށް ފައިބައިވަޑައިގަތުމަށް ބޭނުންފުޅުކުރަށްވާ ޢިއްޒުއްދީން ފާލަމަކީ، ދިވެހި ޖުމްހޫރިއްޔާގެ ޢިއްޒަތާއި، ސިޔާދަތާއި، ދިވެހިންގެ އަމިއްލަވަންތަކަން ރަމުޒުކޮށްދޭ މުހިންމު ިބނާއެކެވެ. ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުމުގެ މުނާސަބަތާއި ގުޅިގެން، ޢިއްޒުއްދީން ފާލަން އެންމެ ފަހުން ފަރުމާކޮށްފައިވަނީ އެމްޓީސީސީ އިންނެވެ.

މި ފާލަން ފަރުމާކުރެވުނީ އިހުޒަމާނުގައި ދަތުރުފަތުރުކުރުމަށް ބޭނުންކުރެވުނު އޮޑިދޯނިފަހަރާއި ބައްތެލީގެ ރިޔާތައް ރަމްޒެއް ކަމަށް ބަލައިގެންނެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މި ފާލަން ވަނީ ވަރަށް ބޮޑަށް ވީރާނާވެ މަރާމާތަށް ބޭނުންވެފައެވެ.

އެގޮތުން، އަލުން ތަރައްޤީކުރެވޭ ރަސްމީ ފަލަމަކީ ދިވެހީންގެ ޤައުމިއަޔަތާއި، ސަގާފަތް ރަމްޒުކޮށްދޭ، ގިނަ ދުވަހު ބޭނުންކުރެވޭފަދަ ފެންވަރު ރަނގަޅު ފާލަމަކަށްވާނެކަމުގެ ޔަޤީންކަން އެ ކުންފުނިން ދިވެހި ރައްޔިތުންނަށް ވަނީ އަރުވާފައެވެ.

އެ ކުންފުނިން ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން، ކުރީގެ ޖެޓީ ރޫޅާލުމާއި، އައު ޖެޓީގެ ކޮންކްރީޓް މަސައްކަތާއި، ސްޓީލް ސްޓަރަކްޗަރ ފަރުމާކުރުމާއި، ލަކުޑި އަދި މަތިވަޑައިމުގެ މަސައްކަތް ހިމެނެއެވެ.

އެ ކުންފުނިން ވިދާޅުވި ގޮތުގައި، މި މަޝްރޫޢަކީ 11.7 މިލިއަން ރުފިޔާއަށް 270 ދުވަސް ތެރޭ ނިންމުމަށް ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

ވޭތުވެދިޔަ 43 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާ ކާމިޔާބުކަމާއިއެކު ނިންމާފައެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވެ. އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު